ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް އައި ފޯނު ކޯލަކާއެކު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމު ގެއްލިއްޖެ ކަމަށް ބުނެ ނިންމާލައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި އޮތީ، ހުއްޓިފައި އޮތް މަޖިލިސް ކޮމެޓީތަކުގެ މައްސަލައެވެ. އެގޮތުން ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އޮތްއިރު ދެވަނަ މަސައްކަތެއްގެ ގޮތުގައި އޮތީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުމާ ގުޅޭ ގޮތުން ސަރުކާރުން ހުށަހެޅި އިސްލާހާއި އިންޑަސްޓްރިއަލް ރިލޭޝަން ބިލުގެ މަސައްކަތެވެ.
އެހެންނަމަވެސް މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާ ކުއްލި މައްސަލައެވެ. އެއީ ސަރުކާރުން ބަދަލު ދިން ކުންފުނިތައް ހާމަކުރުމަށް ގޮވާލައި ހުށަހަޅާ ކުއްލި މައްސަލައެކެވެ. ނަމަވެސް އާދަމް ޝަރީފަށް އެ މައްސަލަ ހުށަހެޅޭ ގޮތެއް ނުވިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަމުން އަންނަ "ދަ ޑިމޮކްރެޓްސް" އަށް ނިސްބަތްވާ މެންބަރުން ވަނީ ނިޒާމީ މައްސަލަތައް ނަގައިގެން މަޖިލިސް ހުއްޓުވައިފައެވެ. މެންބަރުން ތިއްބަވާ ގޮނޑިކޮޅުތަކުން ތެދުވެވަޑައިގެން އެހެން މެންބަރުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އެތަނަށް ވަޑައިގެން ވާހަކަ ދައްކަވަމުން ގެންދެވި މެންބަރުންގެ މައިކުތައް އަތުލައިގެން ވެސް މަޖިލީހުގެ ނިޒާމު އެ މެންބަރުން ވަނީ ގެއްލުވާލައިފައެވެ. މިއިން އެއްވެސް ފަހަރަކު އެއްވެސް މެންބަރެއްގެ ނަން އިއްވާފައެއް ނުވެއެވެ.
މަޖިލިސް ޖަލްސާ ކުރިޔަށް ގެންދެވޭނެ ގޮތަކާއި މެދު ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ދެ ފަހަރެއްގެ މަތިން މަޖިލިސް ޖަލްސާ މެދުކަނޑާލިއެވެ. ދެ ވަނަ ފަހަރަށް މަޖިލިސް ޖަލްސާ ފެށުމުން މަޖިލީހުގެ ރިޔާސަތު ކުރިމަތީ ހުއްޓި ތިއްބަވައިގެން ދަ ޑިމޮކްރެޓްސްގެ މެންބަރުން މަޖިލިސް ކުރިޔަށް ގެންދިއުމަށް ހުރަސް އެޅުއްވިއެވެ.
ޖަލްސާ ކުރިޔަށް ގެންދަން ފެށުމުން ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ވަނީ ރިޔާސަތު ކުރިމައްޗަށް އަރާ އަޑުގަދަ ކުރައްވާފައެވެ. މި މެންބަރުންނާއެކު ޕީޕީއެމް/ޕީއެންސީގެ ބައެެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މީގެއިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވެސް ވަނީ މަޖިލިސް ހުއްޓުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މި ދެ ބޭފުޅުންނަކީ ވެސް ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ދެ މެންބަރުންނެވެ.
އެ މެންބަރުން އަޑުގަދަ ކުރައްވަން ތިއްބަވަނިކޮށް އަފީފަށް ފޯނު ކޯލެއް އައިސްގެން އެ ފޯނު ނަންގަވާ މަންޒަރު ފެނެއެވެ. މައިކް އޮފް ނުކޮށް އިނުމުން އަފީފަށް ވާހަކަ ދެކެވުނީ އޮން ރިކޯޑުގައެވެ. "މި ނިންމާލަނީ... މި ނިންމާލަނީ... މި ނިންމާލަނީ.،" މިފަދައިން އަފީފް ވިދާޅުވި އަޑު ސާފުކޮށް އިވުނެވެ. އަދި އެއަށްފަހު އަފީފް ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ މަޖިލިސް ޖަލްސާ ނިންމާލައިފައެވެ.