ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިޔަށް ގެންދިޔަ ނުދިއުމުގެ ކުރީ ސަފުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ މެންބަރުން ހަރަކާތްތެރިވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި އޮތީ، ހުއްޓިފައި އޮތް މަޖިލިސް ކޮމެޓީތަކުގެ މައްސަލައެވެ. އެގޮތުން ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އޮތްއިރު ދެވަނަ މަސައްކަތެއްގެ ގޮތުގައި އޮތީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުމާ ގުޅޭ ގޮތުން ސަރުކާރުން ހުށަހެޅި އިސްލާހާއި އިންޑަސްޓްރިއަލް ރިލޭޝަން ބިލުގެ މަސައްކަތެވެ.

އެހެންނަމަވެސް މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާ ކުއްލި މައްސަލައެވެ. އެއީ ސަރުކާރުން ބަދަލު ދިން ކުންފުނިތައް ހާމަކުރުމަށް ގޮވާލައި ހުށަހަޅާ ކުއްލި މައްސަލައެކެވެ. ނަމަވެސް އާދަމް ޝަރީފަށް އެ މައްސަލަ ހުށަހެޅޭ ގޮތެއް ނުވިއެވެ.

އެގޮތުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާއެއްގެ ސަބަބުން މަޖިލީހުގައި އަޑުގަދަ ކުރަން ފެށިއެވެ. އަދި އާޒިމް އަށް ނިޒާމީ ނުކުތާ ނެންގެވުމަށް ދެއްވި ފުރުސަތުގައި އެ ނުކުތާ ނުނަންގަވާ ގިނަ ވަގުތުތަކެއް ބޭކާރު ގޮތުގައި ހޭދަ ކުރެއްވިއެވެ. އަދި ނިޒާމީ ނުކުތާގެ މައްސަލަ ކުރިޔަށް ގެންދެވިއިރު ވެސް އާޒިމް ވަނީ، ބޭކާރު ގިނަ ވާހަކަތަކެއް ދައްކަވައިފައެވެ.

އާޒިމްގެ އިތުރުން ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ވެސް ވަނީ ގޮނޑިކޮޅުން ތެދުވެވަޑައިގެން، އަޑުގަދަ ކުރައްވައިފައެވެ. މަޖިލީހުގެ ހެނދުނުގެ ދަންފަޅި މެދުކަނޑާލީ ޖަލްސާ ކުރިޔަށް ގެންދާނެ ގޮތަކާއި ގުޅޭ ގޮތުން ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށެވެ.

ގާތްގަނޑަކަށް ގަޑިއެއްހާއިރަށް މެދުކަނޑާލުމަށްފަހު އަލުން މަޖިލީހުގެ ޖަލްސާ ފެށިއެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ޖަލްސާ ފެށުމުން ވެސް އާޒިމް އާއި ދަ ޑިމޮކްރެޓްސްގެ ބައެއް އެހެން މެންބަރުން ނިޒާމީ މައްސަލަތައް ނަންގަވަން ފެއްޓެވިއެވެ. މަޖިލީހުގެ އެޖެންޑާގައިވާ ކަންކަން ކުރިޔަށް ދެވޭ ގޮތެއް ނުވިއެވެ. އެ މެންބަރުންގެ ކަންބޮޑުވުމަކީ އެޖެންޑާ ނަންބަރު 6.1ގައިވާ ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތެވެ. އެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 16 މެންބަރުން ތިބިއިރު އެއިން އެއްވެސް މެންބަރަކު ކޮމެޓީތަކުގައި ތަމްސީލުވާ މިންވަރެއް އެނގިވަޑައިނުގަތް އެޖެންޑާ ނަންބަރު 6.1[ [ކޮމެޓީތަކުގެ މަސައްކަތުގެ މައްސަލަ] ކުރިޔަކަށް ނުގެންދެވޭނެއެވެ.

އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިޔަށް ގެންދަން ބޭނުންވާ ނަމަ މަޖިލިސް ކުރިޔަށް ގެންދެވޭނީ އެ ނަންބަރު އުނި ކޮށްފައި ކަމަށް އެ މެންބަރުން ވިދާޅުވިއެވެ. އެ މެންބަރުންނެކޭ އެއްގޮތަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުންވެސް ވިދާޅުވީ އެފަދައިންނެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވަނީ ޖަލްސާ ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވައިފައެވެ.

ޖަލްސާ ކުރިޔަށް ގެންދަން ފެށުމުން ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ވަނީ ރިޔާސަތު ކުރިމައްޗަށް އަރާ އަޑުގަދަ ކުރައްވާފައެވެ. މި މެންބަރުންނާއެކު ޕީޕީއެމް/ޕީއެންސީގެ ބައެެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މީގެއިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވެސް ވަނީ މަޖިލިސް ހުއްޓުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މި ދެ ބޭފުޅުންނަކީ ވެސް ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ދެ މެންބަރުންނެވެ.