ރައްޔިތުން މަޖިލީހުގައި މަރުތަޅު ނޭޅުވޭނެ ގޮތަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ގަވާއިދަށް އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ ގަވާއިދަށް އަސްލަމް ހުށަހެޅުއްވި އިސްލާހުތައް "ހަތާވީސް" އަށް އަސްލަމް ވަނީ ހިއްސާ ކުރައްވައިފައެވެ. މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ތާއީދާއެކު މަޖިލީހުގެ ގަވާއިދަށް އަސްލަމް ހުށަހަޅާފައިވާ އިސްލާހުތަކުގައިވާ ގޮތުގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް އުޒުރުވެރިވެވަޑައިގެންފި ނަމަ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލިސް ރައީސް ކަނޑައަޅުއްވަން ވާނެ ކަމަށް ބުނެފައިވެއެވެ.
އެގޮތަށް ކަނޑައަޅާނީ މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން ފަސް މެންބަރުން ކަމަށާއި އެއިން ކޮންމެ މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ އެންމެ ގިނަވެގެން ތިން ޖަލްސާ އަށް ކަމަށް ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.
ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުންގެ ނަންތައް ރިޔާސަތާއި ހަވާލުވާނެ ތަރުތީބާއެކު މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި މަޖިލީހުގެ ރައީސް ކަނޑައަޅާ އެނަންތައް މަޖިލީހުގެ ޖަލްސާއެއްގައި އިއުލާނު ކުރަންވާނެ ކަމަށެވެ.
މީގެއިތުރުން އެ ފަސް މެންބަރުންނަށް އަންނަ ކޮންމެ ބަދަލެއް މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާއެއްގައި އިއުލާނު ކުރަން ވާނެ ކަމަށްވެސް ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.
މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިއްޖެ ހާލަތެއްގައި، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ނަމަ އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ކަނޑައަޅުއްވާނީ މަޖިލީހުގެ އަމީން އާއްމު ކަމަށްވެސް ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.
މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ހިނގަމުންދާ ޖަލްސާއެއްގައި މެންބަރަކު ވާހަކަދައްކަވަން ލިބޭ ފުރުސަތުގެ ދިގުމުން ކަނޑައަޅާނީ އަމީން އާއްމު ކަމަށާއި އެކަން އަމީން އާއްމު ކަނޑައަޅަން ވާނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންނަށް ރިއާޔަތްކޮށް ކަމަށްވެސް ގަވާއިދަށް ހުށަހެޅި އިސްލާހުގައިވެއެވެ. މަޖިލީހުގެ ރައީސަށް ދިފާއުވުމަށް ލިބޭނެ ވަގުތަކީ 30 މިނެޓު ކަމަށްވެސް އިސްލާހުގައިވެއެވެ.
އަސްލަމް މަޖިލީހުގެ ގަވާއިދަށް މިފަދަ އިސްލާހުތަކެއް ހުށަހަޅާފައި މިވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މަޖިލިސް ކުރިޔަށް ގެންދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫޅުއްވާތީއެވެ. އެގޮތުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ގޮތެއް ނުނިމެނީސް، މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވާ ކަމަށް މަޖިލީހުގެ އަމީން އާއްމު އަށް ނަޝީދު ވަނީ އަންގަވައިފައެވެ.