ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ހުއްޓިފައި އޮތުމަކީ މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ނާއިބު ރައީސް އީވާ ވަކި ކުރުމުގެ މައްސަލަ މަޑުޖެހެންވީ ސަބަބެއް ނޫން ކަމަށް އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

ނިއުޝާ ސޮއި ކުރައްވާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ

މަޖިލީހުގެ އަމީން އާއްމު ސޮއި ކުރައްވާ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އިވާ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ، އެ ގަރާރުގެ ނޯޓިހުގެ މުއްދަތު މިމަހުގެ 8ވަނަ ދުވަހަށް ހަމަވުމާއެކު، އެ ތާރީގުން ފެށިގެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބޭއްވޭ ޖަލްސާއަށް ހުށަހެޅެން ވާނެ ގަރާރެއް ކަމަށެވެ.

އެހެންނަމަވެސް، އެ ދުވަހު އެ ޖަލްސާ ބޭއްވިފައި ނުވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅިފައިވާ ވަޒީރުން މަޖިލީހުގެ މެންބަރުންގެ
އިތުބާރު ނެތްކަމުގެ މައްސަލަތަކުގައިވެސް އަމަލުކޮށްފައިވާ އުސޫލަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން އެ މައްސަލަތަކުގެ ބަހުސާއި ގުޅޭގޮތުން އާންމު ކޮމިޓީން ކަނޑައަޅަންޖެހޭ ވަގުތުތަކަކީ އެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުއްވުމަށް އެޖެންޑާކުރާ ޖަލްސާގެ ކުރިއަށް އާއްމު ކޮމެޓީން ވަގުތު ކަނޑައެޅިގެން ކުރިއަށް ގެންދެވިފައިވާ މައްސަލަތަކަކަށް ވާތީ ކަމަށް ނިއުޝާގެ ސިޓީގައިވެއެވެ.

އެގޮތުން އެހެން މައްސަލަތަކެކޭ އެއްފަދައިން، މަޖލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ ގުޅޭގޮތުންވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 20 ވަނަ މާއްދާގެ (ކ) އާ ހަވާލާދީ އެ ގަރާރު ހިނގަމުންދާ ޖަލްސާއެއްގައި ވާހަކަ ދައްކާނެ މެންބަރުންގެ އަދަދާއި އެ މެންބަރަކު ވާހަކަ ދައްކަން ލިބޭ ފުރުސަތުގެ ދިގުމިނާއި ގާނޫނުއަސާސީގެ 82ވަނަ މާއްދާގެ (ކ)އާ ހަވާލާދީ، މަޖިލީހުގެ ނައިބު ރައީސް އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމަށް ލިބިދޭ ފުރުސަތުގެ އަދަދާއި އެ ފުރުސަތުގެ ދިގުމިން އެ ތާރީމާ ހަމައަށް ކަނޑައެޅިފައި ނުވާ ކަމަށް ނަޝީދަށް ނިއުޝާ ފޮނުއްވި ސިޓީގައިވެއެވެ.

މަޖިލީހުގައި އިއުލާނު ކޮށްފައިވާ ފަދައިން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުންގެ ދަފްތަރަށް އައިސްފައިވާ ބޮޑު ބަދަލާއި ގުޅިގެން މަޖިލީހުގައި އެފަރާތްތައް ހިމެނޭ ނިސްބަތަށް ބަދަލު އައިސްފައި ވާތީ އެ ހަމަ ރައްޔިތުން މަޖިލީހުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން މަޖިލީހުގެ ކޮމެޓީތަކަށް ގެނެވެންދެން ކޮމެޓީތަކުގެ މަސައްކަތްތައް އަދިވެސް ކުރިޔަށް ގެންދެވިފައި ނުވާ ކަމަށް ސިޓީގައި ނިއުޝާ ފާހަގަކުރެއްވިއެވެ.

"އެކަމަކީ [ކޮމެޓީތައް އެކުލަވާނުލެވި އޮތުން] ބުނެވިދިޔަ ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ޖަލްސާ އަށް ހުށަނޭޅި މަޑުޖެއްސިދާނެ ސަބަބެއް ކަމަށް ނުފެނެއެވެ،" ނިއުޝާ ވިދާޅުވިއެވެ.

ނިއުޝާގެ ސިޓީގައި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނިޒާމުގެ ތެރެއިން ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތެއް ހަމަޖައްސައި ދެއްވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އަރިހުން ވަނީ އެދިވަޑައިގެންފައެވެ.