ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނިޒާމުގެ ތެރެއިން ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތެއް ހަމަޖައްސައި ދެއްވުމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާގެ ފަރާތްޕުޅުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި ދަންނަވައިފިއެވެ.
މަޖިލީހުގެ އަމީން އާއްމު ސޮއި ކުރައްވާ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އިވާ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ، އެ ގަރާރުގެ ނޯޓިހުގެ މުއްދަތު މިމަހުގެ 8ވަނަ ދުވަހަށް ހަމަވުމާއެކު، އެ ތާރީގުން ފެށިގެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބޭއްވޭ ޖަލްސާއަށް ހުށަހެޅެން ވާނެ ގަރާރެއް ކަމަށެވެ.
މަޖިލީހުގެ ޖަލްސާތަކުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ ހައިސިއްޔަތުން ނިއުޞާ އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ކަމަށްވެސް އެ ސިޓީގައިވެއެވެ.
މިމަހުގެ 11ވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އަމީން އާއްމު އަށް ފޮނުއްވި ސިޓީއެއްގައި ވަނީ މިމަހުގެ 7ވަނަ ދުވަހު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ އަށް ވަކި ގޮތެއް ނިމުމާއި ހަމައަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެ އިހްތިޔާރު މަޖިލިސް ގަވާއިދުގެ 44ވަނަ މާއްދާގެ ދަށުން ލިބިގެންވާ ކަމަށް ގަބޫލު ކުރައްވާ ކަަމަށެވެ.
އަމީން އާއްމު ނިއުޝާ އަށް ނަޝީދު ފޮނުއްވި ސިޓީގައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލާގައި ވަކި ގޮތެއް ނިންމުމާއި ހަމައަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުން އެއްކިބާވީކަމުގައިވީ ނަމަވެސް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ މިންވަރުގައި މަޖިލީހުގެ އެންމެހާ ކަންކަމުގެ ހިންގުމުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށްދާއިރު އަމީންއާއްމުގެ މަސްއޫލިއްޔަތަށް ހުރަސް އެޅޭ ބާވަތުގެ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"މަޖިލީހަށް މިހާރު ލިބފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މަޖިލީހުގެ ނިޒާމްގެ ތެރޭގައި ނުހުއްޓި ކުރިއަށް ގެންދވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ،" ނަޝީދުގެ އެ ސިޓީގައިވާ ކަންކަމަށް ރިއާޔަތްކޮށް ނިއުޝާ މިއަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވިއެވެ.
އީވާގެ މައްސަލަ އެޖެންޑާކޮށް މިއަދު ވަނީ މަޖިލިސް ޖަލްސާއެއް ބާއްވައިފައެވެ. އެހެންނަމަވެސް ޖަލްސާ ފެށުމާއެކު އަމީން އާއްމު ނިއުޝާ ވަނީ މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ނިއުޝާ ވިދާޅުވީ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވުމަށް އެދި މަޖިލީހުގެ ރައީސް އަށް އިއްޔެ ސިޓީއަކުން އަންގަވާފައި ވާނެ ކަމަށެވެ.
"އެހެންކަމުން މިއަދުގެ މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ވަކި ގޮތެއް ކަނޑަނޭޅެނީސް ކުރިޔަށް ގެންދެވެން ނެތް ވާހަކަ އިއްޒަތްތެރި މެންބަރުންނަށް ދަންނަވާލަން،" މަޖިލީހުގެ އަމީން އާއްމު ވިދާޅުވިއެވެ.
އީވާގެ މައްސަލަ މީގެކުރިން އެޖެންޑާ ނުކޮށް އޮތް މައްސަލަ މަޖިލިސް ތެރޭގައި އޮތީ ވަރަށް ބޮޑުވެފައެވެ. ހާއްސަކޮށް އެ މައްސަލަ މަޖިލީހަށް ވެއްދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ އެ މައްސަލަ އެޖެންޑާ ނުކުރާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް މައްސަލަ ހުށަހެޅުއްވި މެންބަރަށް އަމީން އާއްމު ފޮނުއްވި ސިޓީއެއްގައި މީގެކުރިން ވިދާޅުވީ އެ މައްސަލަ އެޖެންޑާ ނުކުރެވި ވަނީ އާއްމު ކޮމެޓީން އެ މައްސަލައިގެ ބަހުސަށް ވަގުތު ކަނޑައަޅާފައި ނުވުމުން ކަމަށް ވިދާޅުވެފައެވެ.
ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓިފައި ވަނީ 13 މެމްބަރަކު އެމްޑީޕީން ވަކިވުމުން، މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައުމާ ގުޅިގެން، ކޮމެޓީތަކުގެ ކޮންޕޮޒިޝަން ބަދަލުވުމުންނެވެ. ކޮމެޓީތަކުގެ ކޮންޕޮޒިޝަން ކަނޑައަޅަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.