ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި އޮތް މިއަދުގެ މަޖިލިސް ޖަލްސާގެ ރިޔާސަތާ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހަވާލުވެވަޑައި ނުގަތުމުން މިއަދުގެ ޖަލްސާ ނުބޭއްވޭނެކަން އިއުލާނުކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓުމުން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ނިއުޝާ ވިދާޅުވީ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވުމަށް އެދި މަޖިލީހުގެ ރައީސް އަށް އިއްޔެ ސިޓީއަކުން އަންގަވާފައި ވާނެ ކަމަށެވެ.
އެހެންނަމަވެސް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ވަކި ގޮތެއް ނުނިމެންދެން، މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ފޮނުއްވި ސިޓީއެއްގައި އިއްޔެ ވިދާޅުވެފައިވާ ކަމަށް އަމީން އާއްމު ވިދާޅުވިއެވެ.
"އެހެންކަމުން މިއަދުގެ މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ވަކި ގޮތެއް ކަނޑަނޭޅެނީސް ކުރިޔަށް ގެންދެވެން ނެތް ވާހަކަ އިއްޒަތްތެރި މެންބަރުންނަށް ދަންނަވާލަން،" މަޖިލީހުގެ އަމީން އާއްމު ވިދާޅުވިއެވެ.
މިމަހުގެ 11ވަނަ ދުވަހު މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އަށް މަޖިލިސް ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅެއްގައި ވަނީ މިމަހުގެ 7ވަނަ ދުވަހު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަށް ވަކި ގޮތެއް ނިމުމާއި ހަމައަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދުގެ ސިޓީގައިވެއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެ އިހްތިޔާރު މަޖިލިސް ގަވާއިދުގެ 44ވަނަ މާއްދާގެ ދަށުން ލިބިގެންވާ ކަމަށް ގަބޫލު ކުރައްވާ ކަަމަށެވެ.
މަޖިލިސް ގަވާއިދުގެ 44ވަނަ މާއްދާ:
މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނާއިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ގާނޫނުއަސާސީގެ 82ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެއެވެ. މިގޮތަށް ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރި މެންބަރުންގެ ތެރެއިން ޖުމްލަ ފަސް މެންބަރެކެވެ. އަދި އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަށެވެ.
މި މާއްދާގާއި މިހެން އޮތްއިރު ނަޝީދުގެ ފަރާތްޕުޅުން މަޖިލީހުގެ އިދާރާ އަށް ފަސް މެންބަރެއްގެ ނަންފުޅު ދެއްވިކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.
އަމީން އާއްމު ނިއުޝާ އަށް ނަޝީދު ފޮނުއްވި ސިޓީގައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލާގައި ވަކި ގޮތެއް ނިންމުމާއި ހަމައަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުން އެއްކިބާވީކަމުގައިވީ ނަމަވެސް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ މިންވަރުގައި މަޖިލީހުގެ އެންމެހާ ކަންކަމުގެ ހިންގުމުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށްދާއިރު އަމީންއާއްމުގެ މަސްއޫލިއްޔަތަށް ހުރަސް އެޅޭ ބާވަތުގެ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.