ރ. ފުއްގިރި ކުއްޔަށް ދޫކުރުމަށް ނިންމި ކުންފުންޏާއެކު ބޭއްވި ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.
ފުއްގިރި ކުއްޔަށް ދިން މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީނުގެ މައްޗަށް ވަނީ ދައުލަތުން ދައުވާ ކޮށްފައެވެ. 2020ވަނަ އަހަރުގެ ތެރޭގަައި ޔާމީނަށް ވަނީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލައިފައެވެ.
ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން މީގެކުރިން ބުނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1,117,000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަ ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ އިތުރުން ކުރިކީލަ ރިޒާގެ މައްޗަށާއި މި މައްސަލާގައި ބުނެފައިވާ ފައިސާތައް ލޯންޑު ކުރުމަށް ބޭނުންކޮށްފައިވާ ކުންފުނިތައް ކަމަށްވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށް ވެސް ވަނީ ދައުވާ ކޮށްފައެވެ. މި ދެ ކުންފުންޏަކީ ވެސް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް (ސަންޓްރެވަލް ސިޔާމް)ގެ ވިޔަފާރި ކުންފުނިތަކެކެވެ.
ކުރިކީލަ ރިޒާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރިޝްވަތު ދިނުމުގައި މެދިވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާއެވެ. ސަން ސިޔާމްގެ ދެ ކުންފުންޏަށް ދައުވާ ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ.
މި މައްސަލައާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތާއި ކުރީގެ ނާއިބު ރައީސް އަދީބުގެ ހެކިބަސް ވަނީ ނަގައިފައެވެ.
ހެކިބަސް ދެއްވަމުން އަދީބު ވަނީ ރައީސް ޔާމީނުގެ އެންގެވުމަކަށް ދުބާއީ ކުންފުންޏެއް ހިންގަމުން އަންނަ އިންޑިއާގެ ބަޔަކާއި ބައްދަލުކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި އެ މީހުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބޮންޑޭ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހައިސިއްޔަތާއި ފުއްގިރި މައްސަލައާ ބޮންޑޭއާ އޮތް ގުޅުމެއް އަދީބު ވިދާޅެއް ނުވެއެވެ.
އަދީބު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ފުއްގިރީގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2.5 މިލިއަން ޑޮލަރަށް އެއްބަސްވެވުނު ނަމަވެސް މި މައްސަލާގައި ޝާމިލުވާ ކްރިކް ރިޒާ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތާ ބައްދަލު ކުރައްވާ އެ އަދަދު ހަތަރު ލައްކަ ޑޮލަރަށް ތިރި ކުރެއްވުމަށް އެދުނު ކަމަށެވެ. އަދި ހަތަރުލައްކަ ޑޮލަރަށް އަގު ތިރިކޮށްގެން މެނުވީ ޔާމީނަށް އެ ރަށް ވިއްކައިގެން ލިބެން އޮތް ކޮމިޝަން ބޮޑު ކުރެވެން ނެތް ކަމަށް ޔާމީން ދެންނެވި ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ އެންމެ ކުޑަކޮށްވެސް އެ ރަށް 1.55 މިލިއަން ޑޮލަރަށް ނޫން އަގަކަށް ނުދެވޭނެކަން ރައީސް ޔާމީނަށް ވިސްނައި ދެއްވި ކަމަށެވެ. އަދި އެކަން ޔާމީން ގަބޫލުކުރެއްވި ކަމަށްވެސް އަދީބު ވިދާޅުވިއެވެ. ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް އަށް ފުއްގިރި ކުއްޔަށް ދިނީ އަދީބު ވިދާޅުވެފައިވާ އަގަށެވެ.
ކުއްޔަށް ދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޔޫއެސް ޑޮލަރު ނަގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުން ކޮށްގެން ލޯންޑާ ކުރުމުގެ ތުހުމަތުގައި ޔާމީނަށް ވަނީ ސުވާލު ކޮށްފައެވެ.