ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އިވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިމެނުމަށް ފަހު، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފިއެވެ.

އީވާ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން ވަކި ކުރުމަށް 50 މެންބަރުން ސޮއިކޮށް މަޖިލީހަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. އީވާ އަށް ދިން 14 ދުވަހުގެ ނޯޓިސް އިއްޔެ ވަނީ ހަމަވެފައެވެ. އެހެންކަމުން މިއަދު ބޭއްވި މަޖިލިސް ޖަލްސާ އަށް އީވާގެ މައްސަލަ އެޖެންޑާ ކުރަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައިވެއެވެ.

އެހެންނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ ނެރުނުއިރު އީވާގެ މައްސަލަ އެޖެންޑާ ކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއަދުގެ މަޖިލިސް ޖަލްސާގައި އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ.

އީވާގެ މައްސަލަ އެޖެންޑާ ކޮށްފައި ނުވަނީ އާއްމު ކޮމެޓީން އެ މައްސަލާގައި ވަގުތު ކަނޑައަޅާފައި ނުވުމުން ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވަނީ އީވާގެ މައްސަލަ ހުށަހަޅާފައިވާ މެންބަރަށް ދަންނަވައިފައެވެ.

ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓިފައި ވަނީ 13 މެމްބަރަކު އެމްޑީޕީން ވަކިވުމުން، މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައުމާ ގުޅިގެން، ކޮމެޓީތަކުގެ ކޮންޕޮޒިޝަން ބަދަލުވުމުންނެވެ. ކޮމެޓީތަކުގެ ކޮންޕޮޒިޝަން ކަނޑައަޅަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.

އެ މައްސަލަ ނުހިމަނާ އެޖެންޑާ ނެރެފައިވާއިރު އީވާގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި ވެރިކަން ހިންގާ މައިޕާޓީ އެމްޑީޕީން ވަނީ މަޖިލިސް އިދާރާގައި އެދިފައެވެ.