ރައްޔިތުން މަޖިލީހުގެ ކޮމެޓީތައް ހުއްޓުވައިގެން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ އެމަނިކުފާނު އިސްވެ އުފައްދަން ނިންމާފައިވާ "ދަ ޑިމޮކްރެޓްސް" ޕާޓީ ނުއުފެއްދިގެން އުޅޭތީ ކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބުނެފިއެވެ.

އެމްޑީޕީގެ ޕީޖީން މިއަދު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވެލިދޫ ދާއިރާގެ މެންބަރު މޯޑު ވިދާޅުވީ މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކުރިޔަށްދާ ތަނަކީ މަޖިލީހުގެ ކޮމެޓީތައް ކަމަށެވެ. އެހެންނަމަވެސް އެ ކޮމެޓީތަކުގެ މަސައްކަތްތައް އެއްވެސް ވަރަކަށް ކުރިޔަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީން ގަބޫލުކުރަނީ ކޮމެޓީތަކުގެ މަސައްކަތްތައް ވަކި ބަޔަކު އޮތީ "ހުއްޓުވާލާފައި" ކަމަށް މޯޑު ވިދާޅުވިއެވެ. ކޮމެޓީތަކުގެ މަސައްކަތްތައް ކުރިޔަށް ދާން ޖެހޭނެ ކަމަށާއި ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓިފައި ވަނީ 13 މެމްބަރަކު އެމްޑީޕީން ވަކިވުމުން، މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައުމާ ގުޅިގެން، ކޮމެޓީތަކުގެ ކޮންޕޮޒިޝަން ބަދަލުވުމުންނެވެ. ކޮމެޓީތަކުގެ ކޮންޕޮޒިޝަން ކަނޑައަޅަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.

މެންބަރު މޯޑު ވިދާޅުވީ މީގެކުރިން ވެސް ޕާޓީތަކުން މެންބަރުން ވަކިވެ މަޖިލީހުގެ ކޮމެޓީތަކުގެ ކޮމްޕޮޒިޝަނަށް ބަދަލުތައް އައިސްފައިވާ ކަމަށާއި ނަމަވެސް ކޮމެޓީތައް ކުރިޔަށް ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮމެޓީތައް އެކުލަވާނުލާ މިއުޅެނީ އެބޭފުޅުން ހަދަން މިއުޅޭ ޕާޓީ ނުހެއްދެވޭތީ... އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. އެނޫން ސަބަބެއް ނެތް މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައިގެން ކޮމެޓީތައް ހުއްޓުވައިގެން ތިބެން ޖެހޭ،" މޯޑު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓުވާލާފައި ވަނީ ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ކަމަށެވެ. ދާއިމީ ކޮމެޓީތަކުގެ ގަވާއިދުތައް އޮންނަ ގޮތުން އެ ކޮމެޓީތައް ހުއްޓުމަކަށް ނައިސް ދާން ޖެހޭނެ ކަމަށް ޖީހާން ވިދާޅުވިއެވެ.

"ކޮމެޓީތައް ހުއްޓިފައި އޮންނަން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން [އެމްޑީޕީން] ގަބޫލެއް ނުކުރަން. ދެވެން އޮތް ހުރިހާ ދުލެއް ދެމުން އެބަ ދެން،" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ ދޫދޭތާ 24 ގަޑިއިރުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން އިތުރު ކަމެއް ހުށަހަޅާ ކަމަށެވެ. ދޫދެއްވަން ބޭނުންނުވަނީ އެމްޑީޕީން ނޫން ކަމަށާއި އެކަން ކުރަން ބޭނުން ނުވަނީ އިދިކޮޅު ފަރާތްތަކުން ކަމަށް ބިގޭ ފާހަގަކުރެއްވިއެވެ. އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ މަޖިލީހުގެ ވަގުތުތައް ބޭކާރު ގޮތުގައި ދުއްވާލާ، ސަރުކާރަށް ޖެއްސުން ކުރުން ކަމަށް ބިގޭ ވިދާޅުވިއެވެ.