އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ، ދިވެހިރާއްޖެއާއި ސީޝެލްސްގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅި ލާމެހިފައިވާ ކަމެއް ކަމަށާއި ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޝީޝެލްގެ ރައީސް ވޭވަލް ރާމްކަލަވާންއާ އެކު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއްގައެވެ. ރައީސް ސޯލިހު ވިދާޅުވީ ރައީސް ރާމްކަލާވަންގެ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އިތުރުވެގެންދާ ތާރީހީ އާ ކުރިއެރުމެއް ކަމަށެބެ. ރާއްޖެއާއި ސީޝެލްސް އަކީ، ދުރު އަވަށްޓެރި ދެ ގައުމު ކަމުގައިވީނަމަވެސް، ދެ ގައުމުގެ ދެމެދުގައި ހުރި ތަފާތުތަކަށްވުރެ އެއްގޮތް ކަންކަން ގިނަ ކަމަށް ވިދާޅުވިއެވެ.

"ޖަޒީރާތަކުގެ ރަށްވެހީންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ އާދަކާދަތަކާއި، ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި، ދިރިއުޅުމުގެ ވައްޓަފާޅީގައިވެސް އެއްގޮތް އެތައް ކަންތައްތަކެއް ހުރޭ" ރައީސް ވިދާޅުވިއެވެ.

https://twitter.com/presidencymv/status/1668148522036924417

ރައީސް ވިދާޅުވި ގޮތުގައި ދެ ގައުމުގެ އިގްތިސާދުތަކަށް ކަނޑުގެ ރޯދިން ބޮޑެތި މަންފާތަކެއް ލިބޭއިރު ސުލްޙަ އާއި ސަލާމަތްތެރިކަން ގުޅިފައި ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެބޮޑު އެއް ކަންބޮޑުވުމެއް ކަމަށްވާ، މޫސުމީ ބަދަލުތަކާއި، އެކަމުން ކުރާ ނޭދެވޭ އަސަރުތައްވެސް ގުޅިފައި ވަނީ އަޅުގަނޑުމެންގެ ގައުމުތައް ވަށާލާފައިވާ ބިޔަ ކަނޑުގެ އޮއިވަރަށާއި ދިޔަވަރަށް" ވިދާޅުވިއެވެ.

ތަރައްގީގެ މަގުގައި ދެ ގައުމުގެ ތަޖުރިބާއާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ދެ ގައުމުގައިވެސް ހައްސާސް މައްސަލަތަކަށް ހައްލު ހޯދުމުގައި މިހާރަށްވުރެ ބޮޑަށް ގުޅިގެން، އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދޭންވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދެ ގައުމަށްވެސް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވުމަށާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ދިވެހިރާއްޖެއާއި ސީޝެލްސްފަދަ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމާމެދު އެއްވެސް ޝައްކެއްނެތް" އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ސީޝެލްއާ ރާއްޖެއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުންތަކުގެ ތެރެއިން ދިވެހިންނަށް ވިސާއާ ނުލައި ޝީޝެލްއަށް ދަތުރުކުރެވޭ އެއްބަސްވުމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނާއި ސީޝެލްސްގެ ރައްޔިތުންނާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ފުޅާވެ، ދެ ގައުމުގެ ދެމެދުގައި ހިނގާ މުޢާމަލާތްތައް އިތުރުކުރުމަށް ފަހިވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިގްތިސާދާއި ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ހިނގާ އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމަށާއި، ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގެ މިންވަރު އިތުރުކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރު ކުރުމުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔުމަކީ، އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި ސީޝެލްސްއާ ދެމެދުގައި ހިނގާ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.