ރާއްޖެ އާއި ސީޝެލްސް އާއި ދެމެދު ގުޅުން ބަދަހިވަމުންދާކަން ހާމަވެގެންދާ ހަތަރު އެއްބަސްވުމެއް ދެގައުމުގެ މެދުގައި މިއަދު ބަދަލުކުރައްވައިފިއެވެ.
މިއެއްބަސްވުންތަކުގައި ސޮއެކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ، މިހާރު ރާއްޖެ އަށް ވަޑައިގެން އުޅުއްވާ ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ބައިވެރިވެވަޑައިގެންނެވިއެވެ. ތިން އެއްބަސްވުން ސޮއިކޮށްފައިވަނީ ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދުގައެވެ. މީގެ އިތުރުން ރާއްޖޭޣެ ޔޫތް މިނިސްޓްރީއާ ސީޝެލްސްގެ ޔޫތް މިނިސްޓްރީއާ ދެމެދުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ދެގައުމުގެ މެދުގައި މިއަދު ބަދަލުކުރެއްވި އެއްބަސްވުންތަކަކީ؛
1. ޝޯޓް ސްޓޭ ވިސާ ވެއިވާ
މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ، ފޮރިން މިނިސްޓަރު ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ސިލްވެސްތް ރަޑެގޮންޑެއެވެ.
އެ އެއްބަސްވުމުގެ ދަށުން، ދެގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެހި ދަތުރުފަތުރުކުރުމަށް ފަސޭހަތައް ލިބިގެންދާނެއެވެ. އަދި މިއެއްބަސްވުމާއިއެކު ދެ ޤައުމުގެ އިޖްތިމާއީ އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
2. ސީޝެލްސް ކޮންސާނިންގ އެއާ ސާވިސަސް
މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ މެދުގައި ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، އިގުތިސާދަށް ކުރިއެރުން ލިބި، ރައްކާތެރި ހަރުދަނާގޮތެއްގައި ވައިގެ ދަތުރުފަތުރުތައް ކުރިއަށް ގެންދެވޭނެއެވެ.
3. ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސިޝަނަލް އޯގަނައިޒްޑް ކްރައިމް އެންޑް މެރިޓައިމް ސެކިއުރިޓީ އެންޑް ސޭފްޓީ ތްރެޓްސް؛
މި ޕްރޮޓޮކޯލްގެ މަގުސަދަކީ، ކަނޑުފޭރުން ފަދަ ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާތައް ހުއްޓުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމެވެ. އަދި މިޕްރޮޓޮކޯލްގެ ސަބަބުން ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.
4. ޔޫތު އެއްބަސްވުން
އެ އެމްއޯޔޫ ގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ސިލްވެސްތް ރަޑެގޮންޑެއެވެ.
އެ އެމްއޯޔޫގެ ގެ މަގުސަދަކީ ރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި އިލްމާއި ތަޖުރިބާ އާއި ވަސީލަތްތައް ހިއްސާކޮށް، ގާބިލްކަން އިތުރުކޮށް އަދި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ފަދަ ތަފާތު ދާއިރާތަކުން ދެގައުމުގެ ދެމެދުގައި ދިގު މުއްދަތަށް އެއްބާރުލުން ގާއިމްކުރުމެވެ.