މި އަހަރު ރާއްޖެ އިން ހައްޖަށްދާ ހައްޖާޖީން ގޮވައިގެން ދާ ފުރަތަމަ ފްލައިޓް މިއަދު ހަވީރު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން ހައްޖާޖީން ގޮވައިގެން ފުރާ ފުރަތަމަ ފްލައިޓުން މިއަދު ހަވީރު 15:10ގައި ފުރާނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ފުރާ ހައްޖުވެރިންނެވެ.

އިސްލާމިކް މިނިސްޓީން މިއަދު ބުނީ މި މިފަހަރު ހައްޖާޖީން ޖުމްލަ 6 ފްލައިޓެއްގައި ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފްލައިޓްތައް އޮންނާނީ މިމަހުގެ 12ވަނަ ދުވަހާއި 13ވަނަ ދުވަހާއި 15ވަނަ ދުވަހާއި 16ވަނަ ދުވަހުގެ އިތުރުން 19ވަނަ ދުވަހުއެވެ.
ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައް:
- 12 ޖޫން 2023 – މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

- 13 ޖޫން 2023- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

- 15 ޖޫން 2023 – އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް

- 16 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

- 16 ޖޫން 2023- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

- 19 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ހައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ، އެގޮތުން ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަޖެޓް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އުމުރުން ދުވަސްވީ އަދި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި ބަހާ ހަމައަށް ގެންގޮސްދިނުމާއި، ހައްޖުވެރިއާ އާއި އާއިލާގެ ބޭފުޅުންނަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއްދުވަސް ކުރިން ފޮށިތައް އެއާަޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އަދި ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ހާއްސަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސައުދީ ސަރުކާރުން މިއަހަރު ރާއްޖެ އަށް ވަނީ ކޮވިޑް19 ގެ ކުރިން ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ދެމުން ގެންދިޔަ އަދަދަށް ކޯޓާ ދީފައެވެ. އެއީ 1،000 ހައްޖު ކޯޓާއެވެ. ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ތެރެއިން، ހައްޖު ކޯޕަރޭޝަންގެ އިތުރުން ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކަށް ދޭނީ 90 (ނުވަދިހަ) ކޯޓާއެވެ.