އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާނުކޮށް، "ގަދަކަމުން" މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން އުޅުމުން، ސަރުކާރު މެމްބަރުން އިހްތިޖާޖު ކުރަން ފެށުމުން މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. މަޖިލީހުގައި ހިމެނޭ އެންމެ ދުވަސްވީ މެމްބަރެއްގެ ހައިސިއްޔަތުން، ރިޔާސަތު ބެލެހެއްޓުމަށް އަފީފާ އެކަން ހަވާލު ކުރައްވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ، ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ، ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ވަނީ "އުޒުރުވެރިވެފަ"އެވެ.

ރިޔާސަތުގައި އިންނަވައި އަފީފު މިއަދު މަސައްކަތް ކުރެއްވީ "ގަދަކަމުން" މަޖިލިސް ކުރިއަށް ގެންދާށެވެ. މެމްބަރުންގެ ނިޒާމީ މައްސަލަ ނެންގެވިޔަސް، އެކަމަށް ފަރުވާލެއް ނުބަހައްޓަވައި، މަޖިލީހުގެ އެޖެންޑާގައި ހުރި ކަންކަމައިގެން ކުރިއަށް ދާން އަފީފު މަސައްކަތް ކުރިއެވެ.

ނަމަވެސް މަޖިލީގައި ހިމެނޭ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނުނިންމެނީސް އެއްވެސް މައްސަލައެއް ކުރިއަށް ގެންގޮސްގެންނުވާނެ ކަމަށެވެ. އަދި އެޓަރނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށްދަނިކޮށް، ކުއްލިއަކަށް އެ މައްސަލަ އެޖެންޑާއިން ނަގާފައިވާތީ، މެމްބަރުން ވަނީ އެ މައްސަލަ ވެސް ފެންމަތިކޮށްފައެވެ.

ރިޔާސަތުން ވިދާޅުވީ މަޖިލީހަށް ކަންކަން އެޖެންޑާކުރަނީ މަޖިލީހުގެ ރައީސްކަމަށެވެ.

އީވާގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، އެ މައްސަލަ އެޖެންޑާއިން ނަގާފައި ވަނީ މީގެ ތިން ދުވަސްކުރިންނެވެ. އީވާގެ މައްސަލަ އެޖެންޑާއިން ނެގީ އެ މައްސަލާގެ ބަހުސްގެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން ކަނޑައަޅާފައިނުވާ ކަމަށް ބުނެއެވެ. އެ ކޮމެޓީން ބަހުސްގެ ވަގުތު ކަނޑައަޅާފައި ނުވަތީ، ކޮމެޓީތައް ހުއްޓުވާފައި އޮތުމުންނެވެ. މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައިސްފައިވާ ކަމަށް ބުނެ، މަޖިލީހުގެ ކޮމެޓީތައް ހުއްޓުވާފައި ވަނީ މަޖިލީހުގެ ރައީސެވެ.

މަޖިލީހުގައި ސަރުކާރު މެމްބަރުން ނިޒާމީ މައްސަލަ ނަންގަވައި، އިހްތިޖާޖު ކުރުމުގެ ގޮތުން ރިޔާސަތަށް އަމާޒުކޮށް، މުގާބޭއަށް މިއަދު ވަނީ ގޮވާފައެވެ.

މިއަދު ހެނދުނު 9:00ގައި ފެށި މަޖިލިސް، ހަލަބޮލިވުމުން، ކުޑަވަގުތުކޮޅަކަށް މިއަދުގެ މަޖިލިސް މެދުކަނޑާލަން ޖެހުނެވެ. އަދި އެންމެފަހުން ސަރުކާރު މެމްބަރުންގެ އިހްތިޖާޖާ ގުޅިގެން މަޖިލިސް ހުއްޓާލީ 10 ޖެހިފަހުންނެވެ.