ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ނުދާ ކަމަށްވާ ނަމަ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ކޯޓަށް ދާން ޖެހިއްޖެ ނަމަ ކޯޓަށް ވެސް ދާނެ ކަމަށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވާތީ މަޖިލީހުގެ މަސައްކަތްތަކަށް ވަނީ މަޑުޖެހިފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ އަމީން އާއްމު އަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވަނީ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.

އީވާ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން ވަކި ކުރުމަށް 50 މެންބަރުން ސޮއިކޮށް މަޖިލީހަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. އީވާ އަށް ދިން 14 ދުވަހުގެ ނޯޓިސް މިއަދަށް ވަނީ ހަމަވެފައެވެ. ނަޝީދުގެ މައްސަލަ ހުށަހެޅީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 54 މެންބަރުންގެ ސޮއިއާއެކުފައެވެ.

މީގެއިތުރުން މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ވެސް ވަނީ ހުއްޓިފައެވެ. ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓިފައި ވަނީ 13 މެމްބަރަކު އެމްޑީޕީން ވަކިވުމުން، މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައުމާ ގުޅިގެން، ކޮމެޓީތަކުގެ ކޮންޕޮޒިޝަން ބަދަލުވުމުންނެވެ. ކޮމެޓީތަކުގެ ކޮންޕޮޒިޝަން ކަނޑައަޅަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަސްލަމް މިރޭ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ނުގެންދެވޭ ނަމަ، ގާނޫނީ ގޮތުން ވެސް އެކަމުގައި ކުރިޔަށް ދެވެން އޮތް ގޮތެއް ބަލާނެ ކަމަށެވެ. އެގޮތުން އަސްލަމް ވަނީ ސުޕްރީމް ކޯޓަކީ ވެސް ހައްލެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. އެހެންނަމަވެސް ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރާއިރު މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ނުގެންދެވިގެން ސުޕްރީމް ކޯޓަށް ދާން ޖެހުމަކީ ހައްލެއް ކަމަށް އަމިއްލަފުޅަށް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ސުޕްރީމްކޯޓަށް ދާން ޖެހުން އެއީ އަޅުގަނޑު ޕާސަނަލީ އެހާ ހިތާވާ ކަމެއްނޫން. އެހެން ނަމަވެސް ކުރަން ޖެހިއްޖެއްޔާ އަޅުގަނޑަށް ޔަގީން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެކަން ވެސް ކުރާނަން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ފާހަގަކުރެއްވި ގޮތުގައި އާއްމު ކޮމެޓީން ވަގުތު ކަނޑައަޅާފައި ނުވާތީ މަޖިލީހުގެ ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރުމަށް އޮތް ހުރަހެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އިތުބާރު ނެތްކަމުގެ ގިނަ މައްސަލަތަކެއް މަޖިލީހަށް ވަނީ ހުށަހެޅިފައެވެ. އޭގެތެރެއިން އެއް މައްސަލަ އަކީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. ފުރަތަމަ ދުވަހު އެ މައްސަލަ އެޖެންޑާކުރިއިރު ބަންޑާރަ ނާއިބު ލިޔުމުން ޖަވާބުދާރީވި ކަމަށް ބުނެ އެ މައްސަލަ ކުރިޔަކަށް ނުގެންދިޔައެވެ. ދެވަނަ ދުވަހު ބަންޑާރަ ނާއިބު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވުމުން ވެސް އެ މައްސަލަ މާ ބޮޑަކަށް ކުރިޔަކަށް ނުދިޔައެވެ.

މާދަމާގެ މަޖިލިސް ޖަލްސާގެ އެޖެންޑާ ނެރެފައިވާއިރު އީވާގެ މައްސަލައިގެ އިތުރުން ބަންޑާރަ ނާއިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ނުހިމެނެއެވެ.

"އެޖެންޑާ އިން އެގޮތައް އުނި ކުރުމުގެ އިހުތިޔާރު މަޖިލީހުގެ ރައީސަށް ލިބިދޭތޯ އެއީ ބޮޑުވެގެންވާ ސުވާލެއް،" އަސްލަމް ވިދާޅުވިއެވެ.