ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އިވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުހިމަނާ، މާދަމާ އޮންނަ މަޖިލިސް ޖަލްސާގެ އެޖެންޑާ ނެރެފިއެވެ.

އީވާ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން ވަކި ކުރުމަށް 50 މެންބަރުން ސޮއިކޮށް މަޖިލީހަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. އީވާ އަށް ދިން 14 ދުވަހުގެ ނޯޓިސް މިއަދަށް ވަނީ ހަމަވެފައެވެ. އެހެންކަމުން މާދަމާ އޮންނަ މަޖިލިސް ޖަލްސާ އަށް އީވާގެ މައްސަލަ އެޖެންޑާ ކުރަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައިވެއެވެ.

އީވާގެ މައްސަލަ ހުށަހަޅާފައިވާ މެންބަރަށް މަޖިލީހުގެ އަމީން އާއްމު ފޮނުއްވި ސިޓީއެއްގައި ވަނީ މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި އޮތުމުގެ ސަބަބުން އާއްމު ކޮމެޓީން އެ މައްސަލާގައި ކަނޑައަޅަން ޖެހޭ ވަގުތު ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ މިވަގުތު ކުރިޔަށް ގެންދެވެން ނެތް ކަމަށް އެ ސިޓީގައިވެއެވެ.

ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓިފައި ވަނީ 13 މެމްބަރަކު އެމްޑީޕީން ވަކިވުމުން، މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައުމާ ގުޅިގެން، ކޮމެޓީތަކުގެ ކޮންޕޮޒިޝަން ބަދަލުވުމުންނެވެ. ކޮމެޓީތަކުގެ ކޮންޕޮޒިޝަން ކަނޑައަޅަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.

އެ މައްސަލަ ނުހިމަނާ އެޖެންޑާ ނެރެފައިވާއިރު އީވާގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި ވެރިކަން ހިންގާ މައިޕާޓީ އެމްޑީޕީން ވަނީ މަޖިލިސް އިދާރާގައި އެދިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ރައްޔިތުންގެ މަޖިލީހުގައި ދެން އިތުރު އެއްވެސް މަސައްކަތެއް ދެން ކުރެވޭނީ މަޖިލީހަށް ހުށަހަޅާފައިވާ މަޖިލިސް ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ފަހު ކަމަށް ވިދާޅުވެފައެވެ.