ސާބިތު ނުކުރެވޭ ތުހުމަތުތައް އެއް ކެންޑިޑޭޓު އަނެއް ކެންޑިޑޭޓާއި ގުޅޭ ގޮތުން ނުދެއްކުމަށާއި އަދި އެ ކެންޑިޑޭޓަކާއި ދެކޮޅު ސިޔާސީ ޕާޓީތަކުން ވެސް އެފަދަ ވާހަކަތައް ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ރިޔާސީ އިންތިހާބާއި ބެހޭ ގަވާއިދުގައި ބުނެފިއެވެ.

ރޭ އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ އެ ގަވާއިދުގައި ބުނެފައި ވަނީ ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކުރުމުގެ ގޮތުން ނުވަތަ ތާއީދު ނުކުރުމުގެ ގޮތުން ވިޔަސ،ް ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށެވެ.

އެގޮތުން ކެންޑިޑޭޓަކު ތާއީދު ހޯދުމުގެ ގޮތުން ދައްކާ ވާހަކައެއްގައި ނުވަތަ އެ ނޫން ގޮތަކުން ވެސް އެހެން ކެންޑިޑޭޓެއްގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޒާތީ ކަންކަމާ ބެހުމާއި ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ހަގީގަތް އޮޅިގެންދާ ފަދަ ގޮތަކަށް ކެންޑިޑޭޓަކާ ބެހޭގޮތުން ނުވަތަ ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް މަސައްކަތްކޮށްދޭ ފަރާތަކާ ބެހޭގޮތުން ވާހަކަދެއްކުމަކީ މަނާ ކަމެއް ކަމަށް އެ ގަވާއިދުގައިވެއެވެ.

"ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކ،ު ނުވަތަ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ބާއްވާ ޝޯތަކާއ،ި ރެލީތަކާއ،ި ވެހިކަލްބުރުތަކަށް އެހެން ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ހުރަސްއެޅުން" ގަވާއިދުގައިވެއެވެ.

އެ ގަވާއިދުގައި ވަނީ ރިޔާސީ އިންތިޚާބުގައި ތާއީދު ހޯދުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް އެކުލަވާލައިފައެވެ.

އެ މިންގަނޑުގައިވާ ގޮތުގައި ވަނީ ދީނީ އެކިއެކި މުނާސަބަތުގައްޔާއ،ި ދީނީ ދަރުސްތަކުގައްޔާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ.

ސްކޫލްތަކާއ،ި މަދަރުސާތަކާއ،ި ކޮލެޖުތަކާއ،ި ޔުނިވަރސިޓީތަކާއ،ި ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެ ކަމަށާއި ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއަކުން އެއްވުމެއް ނުވަތަ ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައ،ި އެ ވަގުތަކާ ދިމާކޮށް އެހެން ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެ ތަނުގައި ބައްދަލުވުމެއް އިންތިޒާމު ކޮށްގެން ނުވާނެ ކަމަށްވެސް އެ މިންގަނޑުގައިވެއެވެ.