ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވާތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އަށް މަޖިލިސް ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅެއްގައި ވަނީ މިމަހުގެ 7ވަނަ ދުވަހު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަށް ވަކި ގޮތެއް ނިމުމާއި ހަމައަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދުގެ ސިޓީގައިވެއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެ އިހްތިޔާރު މަޖިލިސް ގަވާއިދުގެ 44ވަނަ މާއްދާގެ ދަށުން ލިބިގެންވާ ކަމަށް ގަބޫލު ކުރައްވާ ކަަމަށެވެ.
މަޖިލިސް ގަވާއިދުގެ 44ވަނަ މާއްދާ:
މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނާއިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ގާނޫނުއަސާސީގެ 82ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެއެވެ. މިގޮތަށް ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރި މެންބަރުންގެ ތެރެއިން ޖުމްލަ ފަސް މެންބަރެކެވެ. އަދި އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަށެވެ.

މި މާއްދާގާއި މިހެން އޮތްއިރު ނަޝީދުގެ ފަރާތްޕުޅުން މަޖިލީހުގެ އިދާރާ އަށް ފަސް މެންބަރެއްގެ ނަންފުޅު ދެއްވިކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.

އަމީން އާއްމު ނިއުޝާ އަށް ނަޝީދު ފޮނުއްވި ސިޓީގައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލާގައި ވަކި ގޮތެއް ނިންމުމާއި ހަމައަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުން އެއްކިބާވީކަމުގައިވީ ނަމަވެސް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ މިންވަރުގައި މަޖިލީހުގެ އެންމެހާ ކަންކަމުގެ ހިންގުމުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށްދާއިރު އަމީންއާއްމުގެ މަސްއޫލިއްޔަތަށް ހުރަސް އެޅޭ ބާވަތުގެ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮއިއާއެކުގައެވެ. ނަޝީދުގެ އިތުރުން މަޖިލިސް ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.
މަޖިލީހަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައިވާ ބައެއް ކަންކަން:
މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ މަޖިލީހުގެ ގަވާއިދުގައި މަޖިލިސް ރައީސަކީ ވަކި ފަރާތަކަށް ވަކި ޕާޓީއަކަށް ނުޖެހި ހަމަހަމަ ކަމާއެކު މަސައްކަތް ކުރައްވަން ޖެހޭނެ ބޭފުޅެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ކޮމެޓީތަކުން ނިންމާ މަސައްކަތްތައް ވީ އެންމެ އަވަހަކަށް އެޖެންޑާ ކުރަން ވާނެ ކަމަށް ބަޔާން ކޮށްފައި ވާނެ ކަމަށް ވެސް އެ މައްސަލާގައިވެއެވެ.

މަޖިލީހުގެ މެންބަރުން އެކުލެވިފައިވާ ގޮތަށް އައި ބަދަލާއި ގުޅިގެން މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ކުރުން ކުރިޔަށް ނުގެންދިއުމަށް މަޖިލިސް ރައީސް އަންގަވާފައިވާ ކަމަށާއި އަދި ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ މަޖިލީހުގެ މެންބަރުންގެ ޒިންމާ ނިގުޅައިގެންފައިވާ ކަމަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައިވެއެވެ.

އަދި ސަބަބު ބަޔާން ކުރުމަކާއި ނުލާ މަޖިލީހުގެ ރިޔާސަތު ދޫކުރައްވައި ވަޑައިގަންނަވާކަން ވެސް އެ މައްސަލާގައި ފާހަގަ ކޮށްފައިވެއެވެ.