ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ހިސާބުން މަޖިލީހުގެ މަސައްކަތްތައް ގާތްގަނޑަކަށް ހުއްޓުމަކަށް އަންނަ ހިސާބަށް ގޮއްސިއެވެ. އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު މަޖިލީހުގައި އޮތެއް ކަމަކު އެ ޕާޓީން ހުށަހެޅި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް ނަޝީދު ފުރުސަތެއް ނުދެއްވިއެވެ.
މައްސަލާގެ ފެށުން
މައްސަލަ ފެށިގެން އައީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އީވާ އެމްޑީޕީން ވަކިވެ ވަޑައިގެން ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވަނިކޮށް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވެއްދުމުންނެވެ. އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކޮށްފައި އޮއްވާ މަޖިލިސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އެ ޕާޓީން ވެއްދި އެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް މަޖިލިސް ގަވާއިދުގެ ދަށުން ނޯޓިސް ދީ މިއަދަށް ޖަލްސާ އެޖެންޑާ ކުރި އެވެ. ފަހުން އެޖެންޑާއިން އެ މައްސަލަ ނެގީ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސް ކުރާނެ ވަގުތު ކަނޑައެޅުމުގެ ބާރު އޮތް މަޖިލީހުގެ އާންމު ކޮމެޓީ އަލުން އެކުލަވާނުލެވި އޮތުމެވެ.
[caption id="attachment_51587" align="alignnone" width="1280"] އެމްޑީޕީން ވަކިވެ، ވަކި ޕާޓީއެއް ހެދުމުގެ މަސައްކަތް ފެށިކަން އިއުލާން ކުރި ޕްރެސް ކޮންފަރެންސްގެ ތެރެއިން-- ހަތާވީސް ފޮޓޯ[/caption]
އެއީ އެ ކޮމެޓީގެ އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެފައިވާތީ މަޖިލިސް ގަވާއިދުގެ ދަށުން އަލުން ކޮމެޓީ އެކުލަވާނުލެވޭ ކަމަށް ބުނެ އެވެ. ދާއިމީ ކޮމެޓީތަކަށް ބަދަލު ގެންނަން އެ ޕާޓީން މަޖިލީހުގައި މިދިޔަ މަހު އެދުނެވެ. އެހެނަސް މިހާތަނަށް ދާއިމީ ކޮމެޓީތައް އަލުން އެކުލަވާލާފައެއް ނުވެ އެވެ.
ކޮމެޓީ އަލުން އެކުލަވާނުލެވުން, އީވާ ވަކިކުރުމުގެ މައްސަލަ ހިފަހައްޓަން ހުއްޖަތެއްތަ؟
މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާ ބުނާގޮތުން އާންމު ކޮމެޓީއަކީ ދާއިމީ ކޮމެޓީއެކެވެ. އެފަދަ ކޮމެޓީތަކުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި ދާއިމީ ކޮމެޓީއެއްގެ މެމްބަރަކު ޕާޓީން ވަކިވުމުން އެ މެމްބަރަކު ކޮމެޓީން ވަކިވާނެ ކަމަށް ގަވާއިދުގައި ބުނެފައި އެބައޮތެވެ.
މެމްބަރުން ޕާޓީން ވަކިވުމުން ކޮމެޓީތަކަށް ބަދަލު ގެންނަން ޖެހުނެއް ކަމަކު, ކޮމެޓީގެ މަސައްކަތްތައް އެއްކޮށް ހުއްޓާލަން ޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނެފައެއް ނުވެ އެވެ. ކުރިން ބައެއް މެމްބަރުން ކޮމެޓީތަކުން ވަކިވުމުން ވެސް ކޮމެޓީގައި ބާކީ ތިބި މެމްބަރުންގެ ބައިވެރިވުމާ އެކު ކޮމެޓީތައް ކުރިއަށް ގެންދެ އެވެ.
އާންމު ކޮމެޓީގައި މިވަގުތު އަގުލަބިއްޔަތު ލިބޭ މިންވަރަށް ހަ މެމްބަރަކު އެބަ ތިއްބެވިއެވެ. ވީމާ އެ ކޮމެޓީ ކުރިއަށް ގެންގޮސް, އީވާގެ މައްސަލާގައި ބަހުސް ކުރެވޭނެ ވަގުތު ކަނޑައަޅަން ގާނޫނީ ހުރަހެއް ނެތެވެ.
އެމްޑީޕީން ދެކޭ ގޮތުގައި ކޮމެޓީތައް އެކުލަވާނުލެވޭ ކަމުގެ ބަހަނާ ދައްކައިގެން ނަޝީދު އުޅުއްވަނީ މަޖިލިސް ހުއްޓުވާލާށެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދު އަބަދުވެސް މާނަކުރަނީ އޭރެއްގެ މަޖިލިސް ރައީސް ބޭނުންވާ ގޮތަކަށެވެ. ކުރީގެ މަޖިލީހުގެ ރައީސް ވެސް ހެދީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލިސް ރައީސް ގަސްތުގައި ކޮމެޓީތަކުގެ މަސައްކަތް ހުއްޓާލައިގެން އުޅެނީ. އެއްވެސް ހާލަތެއްގައި އެހެން ކޮމެޓީތަކުގެ މަސައްކަތް ހުއްޓާލައިގެންނެއް ނުހުރެވޭނެ." ރޮޒައިނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި ކޮމެޓީތައް އެކުލަވާނުލެވޭ ކަމަށް ބުނެ މަޖިލިސް ޑެޑްލޮކަކަށް ގެންދާކަށް އެ ޕާޓީން ފުރުސަތެއް ނުދޭނެ އެވެ.
[caption id="attachment_52855" align="alignnone" width="1024"] ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް: ހަތާވީސް ފޮޓޯ / އާދަމް ނަޒީރު[/caption]
"އަޅުގަނޑުމެންނަކަށް ދޮރެއް ބަންދެއް ނުވޭ، މަޖިލިސް ރައީސް އަށް ދޮރު ބަންދުވީ. އެކަމަކު އެއީ ކަން އޮތް ގޮތެއް ނޫން. މަޖިލިސް ޑެޑްލޮކަކަށް ގެންދާކަށް އަޅުގަނޑުމެން ނެތީން." އަސްލަމް ވިދާޅުވި އެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލަ އޮތުމަކީ އީވާގެ މައްސަލަ ކުރިއަށް ގެންދަން ހުރަހެއްތަ؟
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައްކާ އަނެއް އުޒުރަކީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އޮތުމެވެ.
މަޖިލީހުގެ ގަވާއިދު އޮތްގޮތުން ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސެވެ. އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ރިޔާސަތު ބަލަހައްޓާނީ މަޖިލިސް ރައީސެވެ. ވީމާ ދެ ބޭފުޅުންގެ މައްސަލަ އެއް ވަގުތެއްގައި މަޖިލީހުގައި އޮތަތީ, އީވާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ފުރުސަތެއް ނަޝީދަށް ނެތް ކަމަށް އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ދެކެވަޑައިގަންނަވައެވެ.
"ގަވައިދު އޮތީ އިތުބާރު ނެތްކަމަށް ވެއްދުމާއެކު، ދެން އެ މީހަކަށް ރިޔާސަތުގައި ނުއިނދެވޭނޭ ކަމަށް. މަޖިލީހުގެ ރައީސް އާއި ނައިބާ ދެބޭފުޅުންގެ މައްސަލަ އެ ވަނީ ވައްދާފައި. މާނައަކީ އެއިން އެއްބޭފުޅަކަށް ވެސް ރިޔާސަތު ނުބެލެހެއްޓޭނެއޭ." ނަޝީދަށް ތާއީދު ކުރައްވާ މެމްބަރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އިއްޔެ ކުރެއްވި ޓްވީޓެއްގައިވެއެވެ.
މަޖިލީހުގެ ގަވާއިދުގައި, ރައީސާއި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ އެއް ވަގުތެއްގައި މަޖިލީހުގައި ކުރިއަށް ގެންދިއުން މަނަލެއް ނުކުރެ އެވެ. ގަވާއިދުގައި ހަމައެކަނި ބުނަނީ ރައީސް ނުވަތަ ނައިބު ރައީސް އެ ބޭފުޅަކު ވަކިކުރުމުގެ މައްސަލައެއް ކުރިއަށް ގެންދާ "ޖަލްސާއެއްގައި" އަމިއްލައަށް ރިޔާސަތު ބަލަހައްޓައިގެން ނުވާނެ ވާހަކައެވެ.
ވީމާ އީވާ ވަކިކުރުމުގެ މައްސަލަ ނަޝީދު ރިޔާސަތު އިންނަވައިގެން ކުރިއަށް ގެންދަން ހުރަހެއް ނެތެވެ.
[caption id="attachment_52856" align="alignnone" width="1024"] ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް: ހަތާވިސް ފޮޓޯ / އާދަމް ނަޒީރު[/caption]
"އީވާގެ އިތުބާރު ނެތްކަމުގެ ވޯޓު ބާއްވާފައި އީވާގެ އިތުބާރު ނެތް ކަމަށް ފާސްވީމަ އައު ބޭފުޅަކު އިންތިހާބު ކުރަންވީ ނޫންތޯ. އޭރުން މަޖިލިސް ނާއިބު ރައީސަކަށް ހުންނަވާނީ މެޖޯރިޓީ މެންބަރުންގެ އިތުބާރު އޮތް ބޭފުޅެއް. އެއަށްފަހު މަޖިލިސް ރައީސްގެ މައްސަލަ ކުރިޔަށް ގެންދަންވީ ނޫންތޯ." ރޮޒައިނާ ވިދާޅުވި އެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލަ އޮއްވާ އީވާ ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ގަވާއިދު ހުރަސް އަޅާ ބެލި ނަމަވެސް, މަޖިލިސް ގަވާއިދުގައި އެކަމަށް ހައްލު ދީފައިވެއެވެ. އެ ގަވާއިދު ބުނަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތާ ހަވާލުވާން އުޒުރުވެރިވާ ހާލަތެއް މެދުވެރިވެއްޖެނަމަ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެއެވެ. މިވަގުތު އެންމެ ދުވަސްވީ މެމްބަރަކީ ނަޝީދަށް ތާއީދު ކުރައްވާ ވިލުފުށީ ދާއިރާގެ މެމްބަރު ހުސައިން އަފީފެވެ.
ވީމާ ހަސަން އަފީފް ރިޔާސަތުގައި ހުންނަވައިގެން ވެސް އީވާ މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަން މަޖިލިސް ގަވާއިދު ފުރުސަތު އެބަދެއެވެ. ނަމަވެސް އޭނާއަށް އެކަން ކުރެއްވޭނީ މަޖިލިސް ރައީސް އެކަމަށް ފުރުސަތު ދެއްވުމުންނެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރަން މަޖިލިސް ގަވާއިދުގެ ދަށުން ދެއްކޭނެ ހުއްޖަތެއް ނެތެވެ. އެ މައްސަލާގައި މަޖިލީހުގެ ރިޔާސަތުން އަމަލު ކުރަމުން ދަނީ މަޖިލީހުގެ އަގުލަބިއްޔަތު އޮތް ޕާޓީގެ ހުށަހެޅުމާ ދެކޮޅަށް އަދި މަޖިލިސް ޑެޑްލޮކަކަށް ގެންދިއުމަށް ކަމަށް ބެލެވެއެވެ.