ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އޮތް ގޮތުން ލާޒިމް ކަމެއް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެހެން ވިދާޅުވީ މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިޔުޝާއަށް މިރޭ ފޮނުއްވެވި ސިޓީއެއްގައެވެ. އަސްލަމް އެ ސިޓީ ފޮނުއްވެވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭ ގޮތަށް "މަރުތަޅު" އެޅިފައިވާ ކަމަށް ބުނާ މައްސަލާގައި ކަންހިނގާފައިވާ ގޮތް ސާފުކުުރުމުގެ ގޮތުން، އަސްލަމަށް، ނިޔުޝާ ފޮނުއްވެވި ސިޓީއަކާ ގުޅިގެންނެވެ.

އަސްލަމްގެ ސިޓީގައި ވިދާޅުވެފައި ވަނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުން އިސްތިސްނާކުރެވޭނެ އެއްވެސް ހާލަތެއް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދުގައި ބުނާ މުއްދަތުގައި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުމަށް ދަންނަވާ ކަމަށް އެ ސީޓީގައި ވިދާޅުވެފައިވެއެވެ.

އީވާގެ މައްސަލަ އެޖެންޑާ ކުރެވެން ނެތް ކަމަށް ބުނެ، ދައްކަމުން ގެންދާ ހުއްޖަތަކީ އެ މައްސަލާގައި މަޖިލީހުގައި ކުރާ ބަހުސްގެ ވަގުތު އާންމު ކޮމެޓީން ކަނޑައަޅާފައިނުވުމެވެ. އެ ކޮމެޓީން ވަގުތު ކަނޑައަޅާފައި ނުވަނީ ކޮމެޓީތަކުގެ މަސައްކަތް ހުއްޓިފައިވާތީއެވެ. ކޮމެޓީތަކުގެ މަސައްކަތް ހުއްޓުނީ 13 މެމްބަރަކު އެމްޑީޕީން ވަކިވުމުން، މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައުމާ ގުޅިގެން، ކޮމެޓީތަކުގެ ކޮންޕޮޒިޝަން ބަދަލުވުމުންނެވެ. ކޮމެޓީތަކުގެ ކޮންޕޮޒިޝަން ކަނޑައަޅަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.

އަސްލަމްގެ ސިޓީގައި މިރޭ ވިދާޅުވީ އާންމު ކޮމެޓީގެ މަސައްކަތްތައް އެ ކޮމެޓީގައި މިވަގުތު ތިއްބެވި މެމްބަރުންނާ އެކު ކުރިއަށް ގެންދަންޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި ފޮރިން މިނިސްޓަރު ޝާހިދާއި އީވާގެ މައްސަލާގައި ބަހުސްކުރާގެ ވަގުތު އެ ކޮމެޓީ ކަނޑައަޅާ ދެއްވުމަށް އެދޭ ކަމަށް އަސްލަމްގެ ސިޓީގައިވެއެވެ.

[caption id="attachment_52838" align="alignnone" width="1140"] އަސްލަމް (ކ) އަދި ނިޔުޝާ-- ފޮޓޯ/ މަޖިލިސް[/caption]

އެ ސިޓީގައި އަދި ވިދާޅުވެފައި ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓޭނެ އެއްވެސް ހާލަތެއް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި ނުވާ ކަމަށާއި ކޮމިޓީތައް ހުއްޓުމަކަށް ގެނައުމަކީ މަޖިލީހުގެ ގަވާއިދު ދަންނަ ކެމެއް ނޫން ކަމަށެވެ.

"މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއަށް އެކިފަހަރުމަތިން އައި ބަދަލުތަކާ ގުޅިގެން މީގެ ކުރިން މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ކޮމެޓީތައް އެއްވެސް ފަހަރަކު ހުއްޓުވާލާފައިނުވާކަން ފާހަގަކުރަމެވެ. އަދި އެއިރު އައި ބަދަލުތައް ހަމަޖެއްސުމުގެ މަރުހަލާ ހިނގަމުން ދިޔައިރު، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދިޔަކަން ވެސް ފާހަގަ ކުރަމެވެ،" އެމްޑީޕީ ޕީޖީ ގްރޫޕުން މިރޭ މެންދަމު، މީޑިއާތަކަށް ހިއްސާކުރި އަސްލަމްގެ ސިޓީގައިވެއެވެ.

އެ ސިޓީގައި އަސްލަމް އިތުރަށް ވިދާޅުވެފައި ވަނީ މަޖިލީހުގެ 64 ޕަސެންޓް މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމަށާއި ނަމަވެސް މަޖިލީހުގެ ބައެއް ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލޭގޮތަށް އަލުން ކޮމެޓީތައް އެކުލަވާލަން އުޅުމުން، އެ މަސައްކަތް އެގޮތަށް ކުރިއަށް ނުގެންދިއުމަށް މަޖިލީހުގައި އެދިވަޑައިގެންނެވި ކަމަށެވެ.

އަސްލަމްގެ ސިޓީގައި ވިދާޅުވީ އެ ގޮތަށް އެދިވަޑާއިގަތުމަކީ މަޖިލީހުގެ ކޮމެޓީތައް ހުއްޓުވާލަން ބޭނުންކުރައްވާ އުޒުރަކަށް ހައްދަވާތީ ހިތާމަކުރައްވާ ކަމަށެވެ.

"[އެމްޑީޕީއަށް މެޖޯރިޓީ ގެއްލޭ ގޮތަށް ކޮމެޓީތައް އެކުލަވާނުލުމަށް އަސްލަމް އެދިވަޑައިގެންނެވި ދުވަސް] 23 މެއި 2023ވަނަ ދުވަހަށް ފަހު ދިގު މުއްދަތެއް ފާއިތުވެގެންދިޔަިރު، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ރައީސް ކޮމެޓީތައް ތަރުތީބުކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާކަން ވެސް ފާހަގަކުރަމެވެ،" އަސްލަމްގެ ސިޓީގައިވެއެވެ.