ދުނިޔޭގެ ތިމާވެށީގެ ދުވާހާއި ގުޅިގެން އަރބަންކޯއިން އިފްތިތާހުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ހުޅުމާލޭ ސާފުކުރުމަށް މިއަދު ބޭއްވި ބޮޑު އިވެންޓު ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
މިއަދު ހެނދުނު 7:30 އިން ފެށިގެން 10:30 އާ ހަމައަށް ހުޅުމާލޭގައި ބޭއްވި މި ހަރަކާތުގައި ސަރުކާރު ކުންފުނިތަކާއި، މިނިސްޓްރީތައް އަދި މާލެ ސަރަހައްދުގެ ސްކޫލްތަކާއި، އެކި ޖަމިއްޔާތަކުން ޖުމްލަ 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.
މި ހަރަކާތުގައި މުޅި ހުޅުމާލޭގެ ފޭސް 1 އަދި 2 ހިމެނޭހެން މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް ޖުމްލަ 7 ބަޔަކަށް ބަހާލައި އިވެންޓުގައި ބައިވެރިވި މީހުންގެ މެދުގައި ޓީމުތައް ބަހައިގެން ވަނީ ސާފުކޮށްފައެވެ.
ކޮކާ ކޯލާ، މޯޕާ، އަދި ވެމްކޯގެ އިތުރަށް އެމްޕީއެލް، އެމްއާރްސީ، ބުރުޒު ކޭޓަރިން، އަދި ވެލިގާ ހާޑްވެއަރ އެހީތެރިކަމާއި އެކު ކުރިއަށް ގެންދިޔަ މި އިވެންޓުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި އިވެންޓު ނިންމާލުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގެ ތެރޭގައި އަރބަންކޯގެ ފަރާތުން ވަނީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.
ދުނިޔެ މަގޭ – ކްލީނަޕް ޗެލެންޖް
ތިމާވެއްޓަކީ ސާފު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަރބަންކޯއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ބޭއްވުނު މި ހަރަކާތަކީ މިފަދަ ދެވަނަ ކްލީން އަޕް އިވެންޓެވެ.
މި އިވެންޓުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި ވެސް ކުރިއަށްގެންދެވޭ ކަމަކަށް ހެދުމަށް އަރބަންކޯގެ ފަރާތުން މިއަދު ވާނީ ޚާއްސަ ޗެލެންޗެއް ވެސް ތައާރަފްކޮށްފައެވެ.
އެގޮތުން މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސްދުވަސް ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރާނެއެވެ.
އަރބަންކޯއިން މިއަދު ބޭއްވި އިވެންޓަށް ފަހު ޗެލެންޖުކޮށްފައިވާނީ ސްޓެލްކޯއަށެވެ. މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަޝަންދަތި އަރުވަން ޖެހެއެވެ.
އެގޮތުން މިއަދުގެ އިވެންޓު ނިންމާލުމަށް ބޭއްވި ރައްމިއްޔާތުގައި އަރބަންކޯގެ ފަރާތުން ވާނީ ރަމްޒީ މަޝަންދަތީގެ ފިލާ ސްޓެލްކޯއަށް އަރުވާފައެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަރބަންކޯއިން މި ހަރަކާތް ކުރިއަށްގެންދިޔަ އިރު، އަރބަންކޯގެ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ކުރިއަށް ގެންދެވޭ މި ނޫން ވެސް ހަރަކާތްތައް މި އަހަރު ތެރޭގައި ރާވާލެވިފައިވެއެވެ.