ރައްޔިތުން މަޖިލީހުގެ ގަވާއިދު އޮތީ މަޖިލިސް “ޑެޑްލޮކް” އަށް ނުދާނެ ގޮތަށް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މޯޑު ވިދާޅުވެއްޖެއެވެ.

މޯޑު ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ބައެއް މާއްދަތަކުގެ ފޮޓޯއެއް އާއްމު ކުރައްވައިފައެވެ.

އެ މާއްދާއަކީ މަޖިލިސް ގަވާއިދުގެ 44ވަނަ މާއްދާއެވެ. އެ މާއްދާގައި ވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން އުޒުރުވެރިވެއްޖެ ހާލަތެއްގައި ގާނޫނުއަސާސީގެ 82ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލިސް ރައީސް ކަނޑައަޅުއްވަން ވާނެ ކަމަށެވެ.

https://twitter.com/mashafeeg/status/1667366126605697024?s=46&t=M9M5hUKhSMLW6TzFVtCYOQ

އެ މެންބަރުންނަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާ މެންބަރުންގެ ތެރެއިން ފަސް މެންބަރެއް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އެފަދަ މެންބަރުން ތަރުތީބު ކުރާނީ މެންބަރުންގެ އުމުރުގެ ދޮށީ ކަމަށް ބަލައިގެން ކަމަަށް ގަވާއިދުގައިވެއެވެ.

މެންބަރު މޯޑުގެ މި ޓްވީޓަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގައި އުޅުއްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްދު ދެއްވިއެވެ.

https://twitter.com/aliaazim/status/1667404889033687040?s=46&t=M9M5hUKhSMLW6TzFVtCYOQ

ވިދާޅުވީ މަޖިލިސް ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަކައެއް ހުށަހަޅާފައިވާ ހާލަތެއްގައި އަމަލު ކުރަންވީ ގޮތް ވެސް މަޖިލިސް ގަވާއިދުގައިވާ ކަމަށެވެ.

އާޒިމަށް ރައްދު ދެއްވާ މެންބަރު މޯޑު ވިދާޅުވީ ބަހަނާއަކަށް ތިޔަޒާތުގެ ވާހަކަ ދެއްކިދާނެ ކަމަށެވެ. އެހެންނަމަވެސް 23 މެއި ގައި ހުށަހެޅި މަޖިލީހުގެ ނައިބު ރައީސްގެ މައްސަލަ، 11 ޖޫން އަށް އެޖެންޑާ ކުރި ގޮތަށް ކުރިއަށް ގެންދަންނުޖެހޭ ސަބަބެއްނެތް ކަމަށެވެ.

”އިތުބާރު ނެތްކަމަށް ހުށަހެޅުމާއެކު ރިޔާސަތު ބެލެހެއްޓުން ހުއްޓާލަން ބުނާ މާއްދާއަކީ ކޮބާ” މޯޑު ވިދާޅުވިއެވެ.

މިފަދައިން މޯޑު ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އަޅުވާފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ތަޖުރިބާގެ އަލީގައި ކަމަށް އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މަޖިލިސް ނާއިބު ރައީސް އީވާ ވިދާޅުވެފައި ވަނިކޮށެވެ.

"އެޑްވާސް ކޯސް އޮން ޕާލިމެންޓަރީ އޯވަސައިޓް އެންޑް ލެޖިސްލޭޓިވް ސްކްރޫޓަނީ"ގެ ބައިވެރިންނާއި ބައްދަލުކުރައްވާ އީވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެފަދަ ހާލަތެއްގައި މަޖިލިސް ކުރިޔަށް ދިއުމުގެ ޖާގައެއް މަޖިލީހުގެ ގަވާއިދުގައި ނޯންނަ ކަމަށް އީވާ ވިދާޅުވިއެވެ.