ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްގެ ވެރިކަމެއްގެ ފަސް އަހަރުގެ ދައުރެއް ނިންމާލާއިރު 100 މިލިއަނަރުން އުފައްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ގާސިމަށް ރިޔާސީ ޓިކެޓު ރަސްމީކޮށް އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ދިވެހި ރައްޔިތުން "ޓެސްޓު" ނުކުރާ ސިޔާސީ ބޭފުޅަކީ އޭނާ ކަމަށާއި އަދި ދިވެހި ރައްޔިތުން "ޓެސްޓު" ނުކުރާ ސިޔާސީ ޕާޓީ އަކީ ޖުމްހޫރީ ޕާޓީ ކަމަށް ވާތީ، އެ ފުރުސަތުގެ ބޭނުން ދިވެހި ރައްޔިތުން ހިފުމަށް އިލްތިމާސް ކުރައްވައިފައެވެ.

މީގެއިތުރުން ގާސިމަކީ ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާ ގިނަގުނަ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވެސް އޭނާ އަކީ ގުނަގުނަ ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވާތީ ގާސިމަށް އިތުބާރު ކުރައްވާ ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވުމަށް ގާސިމް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ގާސިމްގެ ވާހަކަފުޅުގައި އޭނާ ވަނީ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައިވާ ބައެއް ކަންކަން ހިއްސާ ކުރައްވައިފައެވެ. އެގޮތުން އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖެ އިން ޖާގަ ނުދޭނެ ކަމަށް ވިދާޅުވެ ދެން ގާސިމް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް މަސައްކަތް ކުރައްވާނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަލުން އަނބުރާ ދިވެހިންނަށް ހޯދައި ދިނުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ކުރާނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ އޭނާގެ ވެރިކަމުގެ ދައުރު ނިމޭއިރު ރާއްޖެ އަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ވެސް ހައްލު ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން 20،000 ހައުސިން ޔުނިޓު އަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އަމާޒަކީ 30،000 ހައުސިން ޔުނިޓު އެޅުން ކަމަށެވެ. އަދި ހަމައެއާއެކު ހިޔާ ފްލެޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އެ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް އިތުރު ޖަނެރޭޓަރުތައް ބަހައްޓާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"މާލީ އިދާރާ.. ރާއްޖޭގައި އަމިއްލަ ކްރެޑިޓް ކާޑެއް އުފައްދާނަން، އިންވެސްޓުމަންޓު ބޭންކެއް ތައާރަފު ކުރާނަން، އަދި އޯފްޝޯ ބޭންކެއް ގާއިމް ކުރާނަން. ޑިޖިޓަލް ކަރަންސީ ބޭނުން ކުރެވޭނެ ފުރުސަތު ތަނަވަސް ކުރާނަން. އާދެ! ހާސްކަނޑާލާ، ކުރިޔަށް ދިވެހި ގައުމު،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ދިވެހި ރައްޔިތުން އޭނާ އަށް ވެރިކަން ދެއްވައިފި ނަމަ އޭނާގެ ސަރުކާރަކީ ކޮރަޕްޝަނާއި އެންމެ ދުރު ސަރުކާރު ކަމަށް ހަދާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން ދައުލަތުން ވައްކަންކޮށް ކޮރަޕްޝަން ހިންގުމަށް އޭނާގެ ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.