"މި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން،" ޖަލަށްލީއްސުރެ ޕީޕީއެމުން ބުނަމުން އައި ޖުމްލައެވެ. އަދިވެސް ތަކުރާރުވަނީ ހަމަ އެ ޖުމްލައެވެ. އެއް ރާގަކަށެވެ. ބަދަލެއްވެސް ނާދެއެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ބާކީ އޮތީ 90 ދުވަހެވެ. ތިން މަހެވެ.

"މިއީ މިހާރު، ކިތަންމެ އުދަނގޫވިޔަސް ކުރަން ޖެހިފައި އޮތް ސުވާލެއް. ރައީސް ޔާމީނަށް ކުރިމަތިލެވޭނެ ހެއްޔެވެ؟" ޕީޕީއެމްގެ ގިނަ ސަޕޯޓަރުންތައް މިހާރު ކުރަމުންދާ ސުވާލެވެ. ވަގުތު ކުޑަވަމުންދާ ވަރަކަށް ސަޕޯޓަރުންގެ ކަންބޮޑުވުން އިންތިހާއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ސިޔާސީ ޕާޓީތަކުން ރާޒުވާ ކުޅިބައި އަތުރާލައިފިއެވެ. ކެމްޕޭނު މެކުޖަށް ޖަހައިފިއެވެ. މެނިފެސްޓޯތައް ނެރެން ފަށައިފިއެވެ. މިއިން އެއްވެސް ހިލަމެއް ޕީޕީއެމްގެ ނެތެވެ. ވައުދެއް، ސިޔާސާތެއް، މެނިފެސްޓޯ ނުދެއްކާތާގައި ކެނޑިޑޭޓެއްވެސް ނުނެރެވެއެވެ. ކުރިމަތީގައި އޮތް އެންމެ ބޮޑު ސުވާލަކީ ރިޔާސީ އިންތިހާބަށް ޔާމީން މިނިވަންވެދާނެ ބާވައެވެ. އެކަން އެހެން ނުވާނަމަ ދޭން ނެރޭނީ ކޮން ކެނޑިޑޭޓެއްތޯ ނުވަތަ އަރާނީ ކޮން ފަޅިއަކަށްތޯ، ޕީޕީއެމް އޮތީ ސުވާލު މާކެއްގެ ތެރޭގައެވެ. އެއްބަޔަކު ބުނާ ގޮތުންނަމަ ޔާމީން މިނިވަން ނުވެއްޖެ ހާލަތެއްގައި ޕީޕީއެމް ތެރޭގައި ޕްރައިމަރީއެއް ބޭއްވުން އެކަށީގެންވެއެވެ.

އެކަމަކު އެއީ ޔާމީން އަދި ޕީޕީއެމްގެ ގިނަ ސަޕޯޓަރުން އެންމެ ބޭނުންވާ ގޮތްތޯ ސުވާލު އުފެދެއެވެ. ނުވަތަ އެމަނިކުފާނު ދައްކާ ކެނޑިޑޭޓަަކު ނެރުން އެކަށީގެންވޭ ބާވައެވެ؟ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެފައިވާ ގޮތުންނަމަ ރިޔާސީ އިންތިހާބުގައި ޔާމިނަށް ވާދަނުކުރެވޭ ނަމަ އޭނާ ހުންނެވީ ވާދަކުރައްވަން ތައްޔާރަށެވެ. ވަހީދުން އެކަންޏެއް ނޫނެވެ. ޕްރައިމަރީއެއް ބާއްވައިފިނަމަ މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުއާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުމެން ފަދަ ބޭފުޅުންވެސް ވާދަކުރައްވާނެ ކަމުގެ އަޑުތައް އަބަދުވެސް އޮވެއެވެ. އެކަމަކު އެއިން އެއްވެސް ބޭފުޅަކު ފާޅުގައި އެފަދަ އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

ކުރީގެ ތަޖުރިބާތަކުން ދައްކާ ގޮތުން ނަމަ ޕީޕީއެމްގެ ތެރޭގައި ޕްރައިމަރީއެއް ބާއްވައިފިއްޔާ ޕާޓީ ތެރެ ފަޅައިގެން ހިނގައިދާނެއެވެ. ނުވަތަ ޔާމީން އެންމެ ބޭނުންވާ ކެނޑިޑޭޓު ނޫން އެހެން ކެނޑިޑޭޓަކު ޕްރައިމަރީ ކާމިޔާބުވެސް ކޮށްފާނެއެވެ. އެހެންވެއްޖެނަމަ ޕާޓީ ތެރޭގައި މަސްލަހަތު ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ.

މިހާތަނަށް ޕީޕީއެމް "ފެންކްޝަން" ކުރަމުން އައި ގޮތަށް ނަމަ ޕާޓީގެ މަގާމުތަކަށް ހޮވަނީ ޔާމީން ދައްކާ މީހެކެވެ. އެކަން މިނެކުރަނީ ތަޖުރިބާއަށްވުރެ ބޮޑަށް ޔާމީން ގަޔާވުމެވެ. މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވަން ކަން ހިނގައި ދިޔަ ގޮތަކީ އޭގެ އެއް މިސާލެވެ.

ވަގުތު ކުޑަތަންވެފައި އޮއްވާ އެ ގޮންޖެހުންތަކުގެ ތެރެއިން ޕީޕީއެމަށް މަގުދައްކައިދޭނެ ގާބިލް ލީޑަރެއް ހޯދުމަކީ ޕާޓީއަށް މުހިންމު ކަމެކެވެ. ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ. ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންގެ މެދުގައި އިތުބާރު އުފެއްދުމަށެވެ. އެކަމަކު ޔާމީންގެ ބަދަލުގައި ޕީޕީއެމުން މީހަކު ނެރެދާނެތޯ؟ އެހެން ނޫނީ އެހެން ބަޔަކުގެ ފަހަތައް އަރާނީތޯ؟ އެއީ ހާއްތަހާވެސް އޮތް ސުވާލުތަކެވެ؟ ނޫނީ ކުއްލިއަކަށް ސަޕޯޓަރުންނަށް "ސަޕްރައިޒް" އެއް ދޭނީތޯއެވެ؟