ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަމުން އަންނަ މާލޭގެ އަމީނީ މަގުގައި މިހާރު ކުރިޔަށްދާ ސެގްމަންޓުތަކުގައި އެންމެ ފަހުން ތާރު އެޅި ސަރަހައްދު ހުޅުވާލައިފިއެވެ.
އަމީނީމަގުގައި އެންމެ ފަހުން ތާރު އަޅާފައި ވަނީ ސްޓެލްކޯ އާއި ހަމައިން ބިލަބޮންގ ސްކޫލާއި ހަމައަށެވެ. ޓްރެފިކް ނިޝާންތައް މަގުގައި ކުރެހުމަށް ފަހު މިއަދު ވަނީ ބިލަބޮންގާއި ހަމައަށް ހުޅުވާލައިފައެވެ.
އެ މަސައްކަތް ހަވާލު ކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާލުވީ ހޮނިހިރު ދުވަހު ބިލަބޮންގްއާ ހިސާބުން ފެށިގެން ގޮސް މިފްކޯ މަސްފިހާރަ [ހިލާލީ މަގު] ހުންނަ މަގާ ހިސާބާއި ހަމައަށް ބަންދު ކުރާނެ ކަމަށެވެ.
މިފަހަރު ބަންދު ކުރާ ސަރަހައްދަކީ އެހެން ފަހަރުތަކާއި ހިލާފަށް ބޮޑު ސަރަހައްދެއް ކަމަށާއި އަދި މިފަހަރު ބަންދު ކުރާ ސަރަހައްދުގައި އޮފީސްތަކާއި ސްކޫލުތައް ވެސް ހުންނާނެތީ އެކަމުގެ ސަބަބުން އާއްމުންނަށް ދަތިތަކާއިވެސް ކުރިމަތިވާނެ ކަމަށް މޫކޭ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އާއްމުންގެ ކިބައިން މައާފަށް އެދޭ ކަމަށް މޫކޭ ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ބަންދު ކުރާ ސަރަހައްދުގެ މަސައްކަތް އެއް މަހާއި ދޮޅުމަހާއި ދެމެދުގެ ތެރޭގައި ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.
މިހާތަނަށް މާލޭގެ ގިނަ މަގުތަކެއް އާއްމުން ގަޔާވާ ހިތްގައިމު ގޮތަކަށް ހަދާފައިވާ އާރްޑީސީން ބުނީ މާލޭގެ މަގުތައް ތަރައްގީ ކުރަނީ އެ މަގުތަކަކީ އާއްމުންނަށް ހިތްފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ވެސް އެ ސިފަ ފެނިގެން ދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން އެކިއެކި މަސައްކަތްތަކަށް މަގު ކޮންނަން ޖެހޭ މިންވަރު މަދުވެ، މަގުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާރްޑީސީ އިން ބުނެއެވެ.