ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރިފްއަތު މަޖިލީހަށް ހާޒިރުވެ ވަޑައިނުގަންނަވާހާ ހިނދަކު މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނެންގެވީ ގާނޫނު އަސާސީގެ ތަންކޮޅެކެވެ. ނަމަވެސް ބަދަލުވަމުންދާ ސިޔާސީ މަސްރަހާއި ނަޝީދުގެ އެ ނިންމުން ދިމާވި ސަބަބު ސާފެވެ.
ރިފްއަތަށް ލިޔުމުން ޖަވާބުދާރީ ނުވެވޭނެ ކަމަށް ވިދާޅުވެ, ނަޝީދު އެ ދެއްކެވީ ސިޔާސީ ހޫނުކަމުގެ ތެރެއިން މަޖިލީހުގައި ނެގިގެންދާ އިތުބާރު ނެތްކަމުގެ ވޯޓުތަކުގައި މަޖިލީހުގެ ރިޔާސަތުން ގެންގުޅޭ ހަމައެއް ނެތް އުސޫލުގެ އެޕިސޯޑެކެވެ.
ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ޖަވާބުދާރީވުމުގެ ފުރުސަތު އަނގަބަހުންނާއި ލިޔުމުން އޮންނާނެއެވެ. އެ މަރުހަލާގައި ވަކީލުންގެ އެހީތެރިކަން ހޯދިދާނެ ކަމަށް ބުނެފައިވެއެވެ. ޖަވާބުދެވޭނީ ހަމައެކަނި ހާޒިރުވެގެން ކަމަށް ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދަކު ނެތެވެ.
އާޒިމާ ވަކިކުރިއިރު ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު އޮތް
ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީވެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތުމުން އެ މީހަކު އިހްތިޔާރުކުރާ ގޮތަކަށް ޖަވާބު ދެވިދާނެ ކަން އެބަ އިނގެ އެވެ. ނަމަވެސް ޒަމާނުއްސުރެން ފެށިގެން އެކި ގޮތަށް ކަންކަން ކުރުމަކީ މަޖިލީހުގެ ރިޔާސަތުން އަބަދުމެ ނިންމާ ސިޔާސީ ނިންމުންތަކެކެވެ.
ބަންޑާރަ ނައިބަކަށް އާޒިމާ ޝަކޫރު ހުންނަވަނިކޮށް 2013 ވަނަ އަހަރު އޭނާގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރީ އޭނާ އާލާސްކަންފުޅާ އުޅުއްވާކަން މަޖިލީހަށް އަންގަވާފައި ވަނިކޮށް އޭނާގެ އެއްވެސް ބަހެއް ހޯއްދެވުމެއް ނެތި އެވެ. އޭރު މަޖިލީހުން ހުއްޖަތަކަށް ދެއްކީ ހާޒިރު ނުވެ, ލިޔުމުން ވެސް ޖަވާބުދާރީވުމުގެ ފުރުސަތު އޮއްވާ ޖަވާބު ނުދެއްވުމެވެ.
ވީމާ ވަޒީރަކު ސީދާ ހާޒިރު ނުވިއެއް ކަމަކު ލިޔުމުން ޖަވާބު ދެވިދާނެ ކަމަށް އޭރު މަޖިލީހުގެ ރިޔާސަތުން ގަބޫލު ކުރެ އެވެ. އާޒިމާގެ ބަހެއް ނެތި އިތުބާރު ނެތްކަމުގެ ވޯޓަށް އަހަން މަދު މެމްބަރުން ދެކޮޅު ހެދި ނަމަވެސް އޭރު މަޖިލީހުގެ އަގުލަބިއްޔަތާއި ސިޔާސީ އޮއިވަރު ހުރިގޮތުން އާޒިމާ ވަކިކުރަން މެމްބަރުން ބޭނުންވުމުން ރިޔާސަތުން ހުރަސް ނޭޅީ އެވެ.
ރިފްއަތުގެ މައްސަލަ މާ ސާފެވެ. ދެއްވި ފުރުސަތުގެ ބޭނުން ހިއްޕަވައި, ލިޔުމުން ޖަވާބު ހުށަހެޅުއްވި އެވެ. ވީއިރު އާޒިމާއަށް ލިޔުމުން ޖަވާބު ހުށަހެޅުމުގެ ފުރުސަތު އޮވެފައި ރިފްއަތަށް އެ ފުރުސަތު ނުދިނުމަކީ އެކި މީހުންނާ މެދު އެކި ގޮތަށް އަމަލު ކުރުމެވެ.
ޖަމީލަށް ލިޔުމުން ޖަވާބެއް ނުދެވުނު, އެންގީ ސީދާ ހާޒިރުވާން
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމަށް 2015 ވަނަ އަހަރު ހުށަހެޅިއިރު އޭނާ ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށްވާތީ އެ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށްޓަކައި ޖަމީލް ނިންމެވީ ވަކީލް ހުސްނުއްސުއޫދު މެދުވެރިކުރައްވައި ލިޔުމުން ޖަވާބު ދެއްވުމަށެވެ.
ނަމަވެސް ޕީޕީއެމުން ކޮންޓްރޯލްކުރި މަޖިލީހުގެ އޭރުގެ ރިޔާސަތުން އެންގީ ސީދާ ޖަމީލް ވަޑައިގެން ނޫން ގޮތަކަށް ޖަވާބުދާރީނުވެވޭނެ ކަމަށެވެ. ގާނޫނު އަސާސީގައި އޮންނަ ތަންކޮޅެއްގައި ހިފާފައި ހުއްޖަތް ދެއްކިއެއް ކަމަކު, ހަގީގީ ބޭނުމަކީ ޕީޕީއެމުން ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރި ޖަމީލް ރާއްޖެ ވަޑައިގަތުމަށް މަޖުބޫރު ކުރެއްވުން ކަން އެނގެ އެވެ. ރާއްޖެ ވަޑައިގެންފިނަމަ ދެން ޖަމީލަށް ވާނެ ގޮތެއް ތަސައްވުރެއް ނުކުރެވޭތީ އިތުބާރު ނެތް ކަމަށް ފާސްކުރީ ޖަމީލްގެ ބަހެއް ނެތި އެވެ.
އަދީބަށް ލިޔުމުން އަދި ހާޒިރުވެގެން ޖަވާބުދޭން ފުރުސަތު ވެސް ނެތް
އޭގެފަހަށް އެ މަގާމު އަދާ ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރީ ވެސް ހަމަ ހިތު ހުރިގޮތެއް ހެދުމަށްފަހު އެވެ. ކުރީގެ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ދޫނިދޫގައި ބަންދުކޮށްފައި ހުންނަވަނިކޮށް އަދީބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައި އަދި ޖަވާބުދާރީވާން މަޖިލީހުން ދިން 14 ދުވަހުގެ ނޯޓިސް ހަތް ދުވަހަށް ކުރު ކުރި އެވެ. އަދީބުގެ އިތުބާރު ނެތްކަމަށް ފާސްކުރީ އޭނާ ޖަލުގައި ހުންނަވަނިކޮށް މަޖިލީހަށް ހާޒިރުކޮށް ނުދީ އަދި ލިޔުމުން ވެސް ޖަވާބު ނުދެއްވަނީހެވެ.
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލުމަށްފަހު މިކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ނަޝީދު ނިންމެވިއިރު ސުޕްރީމް ކޯޓުގެ ލަފައެއް މަޖިލީހުން ހޯދުމުގެ އިޖްރައާތަކީ ފަސޭހަ ކަމެއް ނޫންކަން ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެވޭނީ މަޖިލީހުގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ.
ވީމާ އެއީ ގާނޫނީ މައްސަލައަކަށް ވުރެ ބޮޑަށް ރިފްއަތު މަޖިލީހަށް ހާޒިރުވާން މަޖުބޫރު ކުރުމަށްޓަކައި ނިންމެވި ނިންމުމެއް ކަން އެބަ އިނގެ އެވެ. ބޭނުމަކީ ރިފްއަތު ވަކި ނުކުރެވުނަސް, މެމްބަރުންގެ ވަރުގަދަ ސުވާލުތަކާއި ހަޅޭކުގެ ތެރެއިން މަޖިލިސް ހޫނުކޮށްލައިގެން ހޫނު ގޮނޑިއަކަށް ރިފްއަތު ލުމުގެ ފުރުސަތެއް ހޯދުމެވެ.
ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހުގައި ކުރިއަށް އޮއްވާ މިގޮތަށް މަޖިލީހުން އަމަލު ކުރުމުން އޭގެ އަސަރު އެ މައްސަލައަށް ވެސް ކުރާނެ އެވެ. މިއީ ގާނޫނީ މައްސަލައަކަށް ވުރެ ބޮޑަށް ސިޔާސީ ކުލަ ޖެހިފައިވާ ނިންމުމެއް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.
ގާނޫނު އަސާސީ ބުނާގޮތުން މަޖިލީހުގެ ރައީސަކީ ވަކި ޕާޓީއަކަށް ނިސްބަތްވާ ބޭފުޅަކަށް ވީ ނަމަވެސް ދައުލަތުގެ އެއް ބާރުގެ ވެރިޔާ އެވެ. އެންމެންނާ މެދު ހަމަ އުސޫލުން ކަންކަން ކުރުމަކީ މަޖިލީހުގެ ރިޔާސަތަށް ލާޒިމް ކަމެކެވެ. ނަމަވެސް ސިޔާސީ ފޯރީގައި ޖެހި މަޖިލީހުގެ ރިޔާސަތުން ފެންނަނީ ސިޔާސަ ނިންމުންތަކެވެ.