އެއީ 1960 ގެ އަހަރުތަކެވެ. ޓީޗަރެއްގެ ވަޒީފާގައި އުޅުނު ރޮބަޓް މުގާބޭ ނަމަކަށް ކިޔާ ޒުވާނަކު ސިޔާސީ މައިދާނަށް ނުކުތެވެ. ގައުމުން ބޭރުގައި މުގާބޭ ކިޔަވައިދެމުން ދިޔައިރު، އިނގިރޭސީންގެ އިސްތިއުމާރާ ދެކޮޅު ހެދި އެފްރިކާގެ ނޭޝަނަލިސްޓުންގެ ބަޔަކު ޒިމްބާބުވޭގައި ހަރަކާތެއް އުފެއްދިއެވެ. އެ ހަރަކާތް ސަރުކާރުން މަނާކުރިއެވެ. ދެން އުފެދުނީ ނޭޝަނަލް ޑިމޮކްރެޓިކް ޕާޓީ (އެންޑީޕީ)އެވެ.
މުގާބޭ އެނބުރި ގައުމަށް ވަޑައިގެން އިނގިރޭސީންނާ ދެކޮޅަށް ބޭއްވި މުޒާހަރާގައި އިސް ސަފުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ މުޒާހަރާ ހުއްޓުވި ނަމަވެސް، ޖެހިގެން އައި ދުވަހު 40،000 މީހުން ބައިވެރިވިއެވެ. އެ ހަރަކާތުން ހިތްވަރު ލިބި ގާނާގައި އަދާކުރަމުންދިޔަ ޓީޗަރުގެ ވަޒީފާ މުގާބޭ ދޫކޮށްލެއްވިއެވެ. ސިޔާސީ ކަންތައްތަކުގައި އުޅެން ފެށިއެވެ. މުގާބޭ އެންޑީޕީގެ ޕަބްލިސިޓީ ސެކްރެޓަރީ އަދި އެންޑީޕީ ޔޫތު ވިންގް އުފެއްދުމުގައި މުގާބޭ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އެންޑީޕީ މަނާކުރުމާ ހަމައަށް މުގާބޭ ވަނީ އެންޑީޕީގެ އެއްވުންތަކުގައި ވާހަކަ ދައްކާފައެވެ. އޭގެ ފަހުން ގުޅުނީ އެ ޕާޓީއާ އެންމެ ވާދަވެރި ޕާޓީ، ޒިމްބާބުވޭ އެފްރިކަން ނޭޝަނަލް ޔޫނިއަން (ޒާނޫ-ޕީއެފް)އާއެވެ. ދެ ޕާޓީގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން މުގާބޭ ހައްޔަރުކުރެވުނެވެ. މުއްދަތެއް ނެތް ގޮތަށް ޖަލަށްލިއެވެ. މިނިވަންވީ 10 އަހަރު ފަހުންނެވެ. އެއަށްފަހު، 1980 ވަނަ އަހަރު އިނގިރޭސިން އަތުން ޒިމްބާބުވޭ އަށް މިނިވަންކަން ހޯދައިދިން ލީޑަރުގެ ނަމުން މުގާބޭ މަޝްހޫރުވިއެވެ. އެ ދުވަސްވަރު އޭނާއަކީ ހީރޯއެކެވެ.
ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވައުދުވެވަޑައިގަތީ ޒިމްބާބުވޭގައި ސުލްހަ ގާއިމުކޮށް އެންމެންނަށް ތައުލީމާއި ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހަރުދަނާ ކުރުމަށެވެ. ނަމަވެސް އޭނާގެ ފުރަތަމަ ކާމިޔާބީތަކަށް ހިޔަނި އެޅިގެން ދިޔައީ ކުރެއްވި އަމަލުތަކުންނެވެ. އޭގެ ފަހުން ޑިމޮކްރެޓިކް ލީޑަރަކުން ބަދަލުވީ ހުދު މުހުތާރު ވެރިއަކަށެވެ. ދުނިޔެ ދޫކުރުމާ ހަމަޔަށްވެސް މުގާބެ މަސައްކަތްކުރެއްވީ ގަދަ ބާރުން ވެރިކަން ކުރެއްވުމަށެވެ. ހުދު މުހުތާރު ވެރިއެއްގެ ވާހަކަ ދައްކާނަމަ އެ ލިސްޓުގެ އެންމެ ކުރީގައި އޮންނަނީ މުގާބޭއެވެ.
މުގާބޭގެ ވެރިކަމާ ދެކޮޅު ހަދާ މީހުންނަށް ސަރުކާރުން އެއްވެސް އޯގާތެރިކަމެއް ނުދައްކާނެކަން 1983 ވަނަ އަހަރު ވަނީ ހާމަވެފައެވެ. އޭނާގެ އިސްނެންގެވުމުގެ ދަށުން ސިފައިން ވަނީ، ވެރިކަމާ ދެކޮޅު ސަރަހައްދުތަކުގައި އަނިޔާވެރި ގޮތަކަށް މީހުން މެރުމުގެ ސިލްސިލާ ހަރަކާތްތައް ހިންގައިފައެވެ. އެގައުމުގެ ފިފްތު ބްރިގޭޑުން 20،000 މީހުން މަރާލާފައިވާ ކަމަށް ބެލެވޭ އިރު އޭގެ ތެރޭގައި ގިނައީ މުގާބޭގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާއަށް ތާއީދުކުރާ މީހުންނެވެ.
1987 ވަނަ އަހަރު މުގާބޭގެ ބާރު އިތުރަށް ވަރުގަދަކުރެއްވިއެވެ. އާ ގާނޫނު އަސާސީއަކުން ބޮޑުވަޒީރުކަމުގެ މަގާމު އުވާލައި އެގްޒެކެޓިވް ރައީސެއްގެ ދައުރު ގާއިމު ކޮށްގެންނެވެ. 1990 ގެ އަހަރުތަކުގައި ޒިމްބާބުވޭ އަކީ އެފްރިކާގައި ހަލުވިކަމާއެކު ކުރިއަރަމުން ދިޔަ އިގްތިސާދެކެވެ. 1990 ވަނަ އަހަރު އަލުން އިންތިހާބުވެ ވަޑައިގެން ވެރިކަން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އެޅުއްވިއެވެ. ރައީސްގެ ދައުރު ހަ އަހަރަށް ދިގުދަންމާލަން ގާނޫނު އަސާސީ އަށް އިސްލާހު ގެނައެވެ. އެހެންނަމަވެސް މަޑުމަޑުން ޒިމްބާބުވޭގެ ރައްޔިތުންނަށް ހައްގުތަކާއި އިގްތިސާދީ ތަނަވަސްކަން ގެއްލެމުންދާތަން ފެންނަން ފެށިއެވެ.
މުގާބޭގެ އިސްނެންގެވުމުގެ ދަށުން 1994 ވަނަ އަހަރު ޒިމްބާބުވޭއަށް ދަނޑުވެރިކަމާއި، ހިއްކުމާއި، އުފެއްދުންތެރިކަމުގެ ސިނާއަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނެވެ. އަދި ކަޅު ނަސްލުގެ އާބާދީއަށް ހާއްސަ ކްލިނިކްތަކާއި ސްކޫލްތައް އެޅުމުގެ މަސައްކަތް ވެސް ފެއްޓެވިއެވެ.
މުގާބޭގެ ނިންމުންތަކުގެ ސަބަބުން ޒިމްބާބުވޭގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެން ފެށީ 1996 ވަނަ އަހަރުއެވެ. ގައުމަށް މިނިވަންކަން ހޯދައިދިނުމުގައި ހީރޯއެއްގެ ގޮތުގައި ކުރިން އޭނާ އަށް ތައުރީފު ކުރި ނަމަވެސް، ބަދަލު ދިނުމަކާ ނުލައި ދޮން ނަސްލުގެ މީހުން ބިންތަކެއް ހިފެހެއްޓުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވިއެވެ. މުގާބޭ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ މީގެ ކުރިން ބޭއިންސާފުން އަމަލުކޮށްފައިވާ ކަޅު ނަސްލުގެ މީހުންނަށް ކަންކަން އިތުރަށް އިންސާފުވެރި ކުރުމަށް ޓަކައި ކުރަން ޖެހޭ ކަމެކެވެ. އިންފްލޭޝަން މަތިވިއެވެ.
މުގާބޭއަށް އިތުރު ހުރަސްތަކެއް ކުރިމަތިވީ ސިޔާސީ ގޮތުން މުގާބޭ ގެންގުޅުއްވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ. 2000 ވަނަ އަހަރު ގާނޫނު އަސާސީ އަށް ބަދަލު ގެނެސް، މީގެ ކުރިން ކަޅު ނަސްލުގެ މީހުންގެ އަތުން ބިން ނެގުމަށް އިނގިރޭސިވިލާތުން ފައިސާ ދައްކަން ޖެހޭ ގޮތަށް ހަމަޖެއްސިއެވެ. އަދި ފައިސާ ނުދައްކައިފިނަމަ އިނގިރޭސިންގެ ބިން އަތުލާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. އޭގެ ސަބަބުން ޒިމްބާބުވޭގެ ގުޅުން އެހެން ގައުމުތަކާ އެކު އިތުރަށް ހީނަރުވެގެން ދިޔައެވެ.
2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި މޯގަން ޓްސްވަންގިރާއީ ވާދަކުރައްވާ މުގާބޭ އަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް ނަތީޖާ ގަބޫލުނުކުރައްވަން ދެކޮޅު ހެއްދެވިއެވެ. މުގާބޭ ވެރިކަމާ ހަވާލުކުރުމަށް ދެކޮޅު ހެއްދެވުމުން އުފެދުނު ހަމަނުޖެހުންތައް އެތައް ބަޔަކަށް ގެއްލުމެއް ލިބި، ޓްސްވަންގިރައިގެ ސަޕޯޓަރުންގެ ތެރެއިން 85 މީހުން މަރުވުމާ ގުޅިގެން މުގާބޭ އާއި ޓްސްވަންގިރައި، ވެރިކަން ހިއްސާކުރަން އެއްބަސްވިއެވެ.
ގަދަބާރުގައި ވެރިކަން ކުރަމުން ގެންދެވި މޫގާބޭގެ ވެރިކަން ނިމުމަކަށް ގެނައީ ބަގާވަތް ކޮށްގެން 2017 ވަނަ އަހަރުއެވެ. ނިމުން އައީ ހިތިކޮށެވެ. މުގާބޭގެ ސިޔާސީ ހަޔާތުން ދަސްވި ފިލާވަޅަކީ ތިމާ ބޭނުންހާ ގޮތަކަށް ސިޔާސީ ގޮތުން ކުރި ނޭރޭނެ ކަމެވެ. ހަމައެކަނި ބަސް ވިކޭނީ ތިމަންނަގެ ކަމަށް ހީކުރާ ހީކުރުމަކީ ކުށް ހީއެއް ކަމެވެ. އަބަދަކު ތިމާއަށް ތާއިދުކުރާ ބަޔަކު ނުތިބޭނެ ކަމެވެ. ޑިމޮކްރަސީ އަކީ އެހެން މީހުންގެ ހިޔާލުތައްވެސް ބަލައިގަނެ އެ މީހުން ދައްކާ ވާހަކަވެސް ގަބޫލުކުރުމެވެ. އަބަދު އެންމެ "ޕޮޕިއުލާ" ލީޑަރުގެ ގޮތުގައި ނުހުރެވޭނެއެވެ. ބަލިވާ ފަހަރު ފަހަތަށްވެސް އަރަން ޖެހޭނެއެވެ. ގޮތްވެސް ދޫކުރަން ޖެހޭނެއެވެ.