ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް 2500 މެންބަރުން ގުޅިއްޖެއެވެ. މިއީ އެޕާޓީން ދާދިފަހުން މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ހަރަކާތުން އެޕާޓީއާ ގުޅުނު މެންބަރުންތަކެކެވެ.

އެގޮތުން އެމްޑީޕީ އަށް 12 ދާއިރާއަކުން އަލަށް މެންބަރުން ވަނީ ގުޅިފައެވެ. އޭގެތެރޭގައި މަކުނުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާ އާއި ކުޑަހުވަދޫ ދާއިރާ އާއި ތުލުސްދޫ ދާއިރާ އާއި ފަރެސްމާތޮޑާ ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ގައްދޫ ދާއިރާ އާއި މަޑަވެލި ދާއިރާ އާއި މަނަދޫ ދާއިރާ އާއި ކެނދިކުޅުދޫ ދާއިރާ އާއި އިސްދޫ ދާއިރާގެ އިތުރުން ތިމަރަފުށި ދާއިރާ އިން އެމްޑީޕީއާ މެންބަރުން ވަނީ ގުޅިފައެވެ.

އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް ހަވާލު ކުރުމަށް އެމްޑީޕީގެ އޮފީހުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކާއި ހަވާލުވެވަޑައިގަތީ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް އެޕާޓީ ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރާ ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ވެސް ޕާޓީ އަށް މެންބަރުން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.

"ތިންހާސް ހަމަވެގެންނެއް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން،" ފައްޔާޒު ވިދާޅުވިއެވެ.

"އަމާޒަކީ ކުރިން ގާނޫނާ އެއްގޮތް ނޫންގޮތަށް އޮތް އަދަދާ ހަމަޔަށް ގާނޫނީ ގޮތުން މެންބަރޝިޕް ރެޖިސްޓްރީ ގެންދިއުން،" ފައްޔާޒު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ އަށް އަލަށް މެންބަރުންތަކެއް ގުޅުނުއިރު އެޕާޓީން އަންނަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރަމުންނެވެ.