ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް “ހަތާވީސް” އަަށް މިއަދު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް 54 މެންބަރުން ސޮއި ކުރެއްވި ކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މިނިވަން ދެ މެންބަރަކާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ހިމެނިވަޑައިގަންނަވައެވެ.

އެނގިފައިވާ ގޮތުގައި ނަޝީދުގެ މައްސަލަ ހުށަހެޅުމަށް ސޮއި ނުކުރައްވާ މެންބަރުންގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) ހިމެނިވަޑައިގަންނަވައެވެ.

މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ މިހާރު ތިއްބަވަނީ 56 މެންބަރުންނެވެ. އޭގެތެރެއިން އިއްޔެ ބޭއްވި ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 42 މެންބަރުންނެވެ. ޕީޖީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އަސްލަމް އަށް ޕީޖީގައި ނެގޭ ވޯޓުތަކުގައި ބައިވެރިއެއްނުވެވެއެވެ. އެހެންކަމުން މިއަދުގެ ވޯޓުގައި ބައިވެރިވީ 41 މެންބަރުންނެވެ. އޭގެތެރެއިން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ.
މަޖިލީހަށް ހުށަހެޅި މައްސަލާގައިވާ ކަންކަން:
މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ މަޖިލީހުގެ ގަވާއިދުގައި މަޖިލިސް ރައީސަކީ ވަކި ފަރާތަކަށް ވަކި ޕާޓީއަކަށް ނުޖެހި ހަމަހަމަ ކަމާއެކު މަސައްކަތް ކުރައްވަން ޖެހޭނެ ބޭފުޅެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ކޮމެޓީތަކުން ނިންމާ މަސައްކަތްތައް ވީ އެންމެ އަވަހަކަށް އެޖެންޑާ ކުރަން ވާނެ ކަމަށް ބަޔާން ކޮށްފައި ވާނެ ކަމަށް ވެސް އެ މައްސަލާގައިވެއެވެ.

މަޖިލީހުގެ މެންބަރުން އެކުލެވިފައިވާ ގޮތަށް އައި ބަދަލާއި ގުޅިގެން މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ކުރުން ކުރިޔަށް ނުގެންދިއުމަށް މަޖިލިސް ރައީސް އަންގަވާފައިވާ ކަމަށާއި އަދި ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ މަޖިލީހުގެ މެންބަރުންގެ ޒިންމާ ނިގުޅައިގެންފައިވާ ކަމަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައިވެއެވެ.

އަދި ސަބަބު ބަޔާން ކުރުމަކާއި ނުލާ މަޖިލީހުގެ ރިޔާސަތު ދޫކުރައްވައި ވަޑައިގަންނަވާކަން ވެސް އެ މައްސަލާގައި ފާހަގަ ކޮށްފައިވެއެވެ.