ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގެ އެކްޓިވިސްޓުންތަކެއް މެންބަރުންތަކެއް ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އަށް އިންޒާރުދިން ކަމަށް ތުހުމަތު ކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަނދުން ހުސައިން ވިދާޅުވީ މަޖިލީހުގެ ސައި ކޮޓަރި އަށް އޭނާ ވަޑައިގަންނަވަނިކޮށް، ސިޑި މަތިން އޭނާ ހިފެހެއްޓުމަށް ފަހު، އިންޒާރު ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހިއްސާ ކުރެއްވި ކަމަށެވެ. އެވާހަކަ ނަޝީދާ ހިއްސާ ކުރެއްވިއިރު އެތައް ބަޔަކު އެވަގުތު އެތަނުގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވިއެވެ.
”އެވާހަކަ ދެންނެވީމާ ވިދާޅުވީ ކަލޭ ކަންފަތް މަތީގައި ވެސް އެމީހުން ލައްވާ ޖައްސަވާނަމޭ. ހޭ އަރުވާލާނަމޭ. އަޅުގަނޑުމެންނަށް މިކަހަލަ ގޮތަކަށް މަޖިލިސް ތެރޭގައި ކަންކަން ދިމާވެގެން ދިއުމަކީ ދެރަ ކަމެއް. އެއީ މަޖިލީހުގެ ނިޒާމަށް މިކަމުގެ ސަބަބުން އަސަރުކުރޭ،” އަނދުން ހުސައިން ވިދާޅުވިއެވެ.
އޭނާ ވަނީ އެ މައްސަލަ މަޖިލީހުގެ ރިޔާސަތަށް ރަސްމީކޮށް އެ މައްސަލަ ހުށަހަޅާފައެވެ. އޭނާ ވިދާޅުވީ އެކަން މަޖިލީހުގެ އިދާރާ އިން ބެލުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލިސް ބެލުމަށް މަޖިލީހުގެ އިދާރާ އަށް އަންނަ މީހުންގެ ފަރާތުން އެފަދަ ކަންކަން ފެނިގެން ދިއުމަކީ ހިތާމަ ކުރާ ކަމަށެވެ.
އަނދުން ހުސައިން ވިދާޅުވީ އޭނާ އަށް ސެކިއުރިޓީ ދިނުމަށް އެދި ހުށަހެޅުމުން ވެސް އެކަން ހަމަޖެހިފައި ނުވާ ކަމަށެވެ. ސެކިއުރިޓީ އަށް އެދުނީ، އޭނާގެ ވަކީލު މެދުވެރިކޮށް މަޖިލީހުގެ އިދާރާ އަށް ސިޓީއަކުން ކަމަށާއި އެކަން ހަމަނުޖެހުމުން އިތުރަށް އެކަމާއި މިހާރު ނޫޅުއްވާ ކަމަށް ވިދާޅުވިއެވެ.
އަނދުން ހުސައިން ވިދާޅުވީ މަޖިލީހުގެ މެންބަރަކަށް ދާދިފަހުން ހަމަލާދީ ޒަހަމްކޮށްލިތާ އަދި މާގިނަ ދުވަަހެއް ނުވާއިރު، އެފަދަ ކަންކަމުގެ ސަބަބުން މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް ދަތިވާ ކަމަށެވެ.