ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ވަގަށް ގޮވައިފިއެވެ.
ވަގަށް ގޮވުން ފެށުނީ ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް ވާހަކަދައްކަވަމުން ދަނިކޮށެވެ. ޔައުގޫބް ވިދާޅުވީ އެމްޑީޕީ ތެރެ "ކުނި" ކުރި މީހުން އެ ޕާޓީ ދޫކޮށް ވަކި ޕާޓީއެއް ހެދުމުން އެމްޑިޕީ ތެރެ "ސާފު" ވެއްޖެ ކަމަށެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވާ އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސް ގައި ހިމެނިވަޑައިގަންނަވާ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އަށް އިޝާރާތްކުރައްވާ ޔައުގޫބް ވިދާޅުވީ ސަރުކާރާ މެދު އަފީފް ހިތްހަމަ ނުޖެހިގެން އުޅެނީ މެޑިކަލް މާފިޔާގެ ގޮތުގައި ޒަމާނުއްސުރެ ކުރަމުން އައި ވިޔަފާރި ހުއްޓުވުމުން ކަމަށެވެ.
ޔައުގޫބްގެ ވާހަކަ ކުރިއަށް ނުގެންދެވެނީސް މާފަންނަ އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ނިިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ އަފީފަކީ ވައްކަމުގެ ތުހުމަތު އެޅިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ ވައްކަމާއި ދެކޮޅަށް ވަކާލަތު ކުރައްވާ ބޭފުޅެއް ކަމަށެވެ.
"ވައްކަން ކުރައްވާ ކަމަށް ވަނީނަމަ ހުންނާނީ ރައީސް ސޯލިހު އަރިހުގައި" އިންތި ވިދާޅުވިއެވެ. އޭގެ ފަހުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. ވިދާޅުވީ ވެންޓިލޭޓަރުގެ ކޮރަޕްޝަން މައްސަލަ ނުދައްކާ އެހެން މީހުން ބޮލުގައި ވައްކަން އަޅުވަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުވެސް ވަނީ ރިޔާސަތުގައި ހުންނެވި އަފީފްއަށް ވައްކަމުގެ ތުހުމަތު އަޅުވާފައެވެ.
"ރިޔާސަތުގައި ހުންނެވި ހަސަން އަފީފް ހިތްހަމަ ނުޖެހުނީ ބޭނުންވަރަކަށް ވައްކަން ކުރަން ނުދީގެން. އެއީ ހަގީގަތެއް." ޝިފާއު ވިދާޅުވިއެވެ.
ތުހުމަތުތައް ރައްދު ދެއްވަމުން އަފީފް ވިދާޅުވީ އޭނާގެ ނަމުގައި މެޑިކަލް ވިޔަފާރިއެއް ނުވަތަ އޭނާގެ ހިއްސާއެއް އޮތް އެފަދަ ވިޔަފާރިއެއް އޮތްތޯ ބެލުމަށް އެދިވަޑައިގެންފައެވެ.
"ވަރަށް ރަނގަޅަށް ބައްލަވާލައްވައިފިއްޔާ ރަނގަޅު އަޅުގަނޑުގެ ނަމުގައި އެއްްވެސް މެޑިކަލް ވިޔަފާރިއެއް ކުރާ ކުންފުނިއެއް ނޫނީ އަޅުނޑު އަމިއްލައިން ކުރޭތޯ" އަފީފް ވިދާޅުވިއެވެ.
ނަމަވެސް އެކަން ހުއްޓުވަން ރިޔާސަތުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަފީފަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގެ މެންބަރެކެވެ. ސަބަބު ބަޔާން ނުކޮށް މަޖިލީހުގެ ރިޔާސަތު ދޫކުރައްވާ ނަޝީދު ވަޑައިގަންނަވާތީ އެ މައްސަލަ ވަނީ މެންބަރުންގެ ތެރޭގައި ބޮޑުވެފައެވެ.