ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެންމެ މިނެޓަކު ވެސް ނުތިއްބަވާ އެމަނިކުފާނު ވަކި ކުރައްވާނެ ކަމަށް ބުނި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެއްވެސް މެންބަރަކު ނަޝީދު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާ މައްސަލާގައި ސޮއި ކޮށްފައި ނުވާކަން "ހަތާވީސް" އަށް އެނގިއްޖެއެވެ.

ނަޝީދު ވަކި ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެންމެ މިނެޓެއް ވެސް މަޑު ނުކުރާނެ ކަމަށް އިދިކޮޅު ޕީޖީ ގްރޫޕުގެ ލީޑަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27ވަނަ ދުވަހުއެވެ.

އެމްޑީޕީ ދެބައިވެފައި އޮންނަނީ ވެރިކަމާއި ގުޅޭ މައްސަލަތަކުގައި ކަމަށެވެ. އިސްލާމްދީނާ ހިލާފު ކަންކަމާއި ގުޅޭ މައްސަލަތަކުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ފެކްޝަން އެއްގަލަކަށް އަރާ ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ.

އިދިކޮޅުގައި ތިބި މަޖިލިސް މެންބަރުންގެ އަދަދު މަދުކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ މިވަގުތު އިދިކޮޅުގައި ތިބި މެންބަރުންނަށް މަޖިލީހުގެ ރިޔާސަތުން ނަޝީދު ވަކި ކުރެވެން ނެތް ކަމަށެވެ. އަދި އެފަދަ މަސައްކަތެއް އިދިކޮޅުން ފެށި ނަމަވެސް ނަޝީދާ ހިޔާލު ތަފާތުވެފައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ ތާއީދުވެސް އެކަމަށް ލިބިގެން ދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

އެހެންނަމަވެސް އިދިކޮޅުން ތިބޭނީ އެފަދަ ހާލަތެއް އަތުވެދާނެ ކަމަށް އަބަދުވެސް ތައްޔާރަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

"އެފަދަ ހާލަތަކަށް ހިނގައިދާނެ ގޮސްސިއްޔާ އަޅުގަނޑުމެނަށް ހަމަ ތިބުނާ މަޖިލިސް ރައީސް ވަކިކުރަން ފުރުސަތު ލިބެއްޖެއްޔާ އަޅުގަނޑުމެން އެންމެ މިނެޓެއްވެސް ނުތިބޭނަން. ވަކިކުރާނަން," އިދިކޮޅު ޕީޖީ ލީޑަރު ސަލީމް ވިދާޅުވިއެވެ.

އޭގެ އެއް އަހަރު ފަހުން މަޖިލީހަށް ނަޝީދު ވަކި ކުރުމުގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީގެ ތެރެއިން ކުރަމުން އަންނައިރު އެނގިފައިވާ ގޮތުގައި އިދިކޮޅު އެންމެ މެންބަރަކު ވެސް އެ މައްސަލާގައި ސޮއި ކުރައްވާފައެއް ނެތެވެ.

"އަޅުގަނޑު ނުވެސް އެދެން އެއިން މެންބަރެއްގެ ގާތުގައި ސޮއި ކުރާކަށް،" އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މި ނޫހަށް މިއަދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި 54 މެންބަރަކު ވަނީ ސޮއި ކުރައްވާފައެވެ. އޭގެތެރޭގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މިނިވަން ދެ މެންބަރަކާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ހިމެނިވަޑައިގަންނަވައެވެ.