އެއްވެސް މީހަކަށް ހަމަލާދޭން ނޫޅޭ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު (ނިޔާ) ރައްދުދެއްވައިފިއެވެ.

ނަޝީދު މަޖިލީހުގެ މެންބަރަކަށް އިންޒާރު ދެއްވާ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

އެ ވީޑިއޯ އާއްމު ކުރެއްވީ ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ. އެ ވީޑިއޯ އިން ފެންނަނީ މަޖިލީހުގެ އިދާރާގެ ކުޑަ ދަށުގައި ތިއްބެވި މެންބަރުންތަކެއްގެ ތެރެއިން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ދިމާލަށް ރައީސް ނަޝީދު ވަޑައިގެން އެއްޗެއް ވިދާޅުވާ މަންޒަރެވެ.

ރޮޒައިނާ އާއްމު ކުރެއްވި ވީޑިއޯ އިން ނަޝީދު ދެއްކެވި ވާހަކައެއް ސާފު ނުވުމުން "ހަތާވީސް" އިން އަލީ ނިޔާޒު އަށް ގުޅާލުމުން ނަޝީދު ދެއްކެވި ވާހަކަ ސާފު ކޮށްދެއްވިއެވެ.

އެގޮތުން ރައީސް ނަޝީދު އޭނާ ކައިރި އަށް ވަޑައިގެން އިންޒާރު ދެއްވާ ވިދާޅުވީ މީހުން ފޮނުވައިގެން އެމަނިކުފާނުގެ ގަޔަށް އަރުވަން ނުހެދުމަށް ކަމަށެވެ.

އެ ވީޑިއޯ ރީޓްވީޓްކުރައްވާ ލިޔުނު ޓްވީޓެއްގައި ނިޔާ ވިދާޅުވީ އޭނާ އަކީ ކުޅިވަރު ކުޅުނު މީހެއް ކަމަށާއި ކުޅިވަރުގައި މޮޅުވުމާއި ބަލިވުން އޮންނާނެ ކަމަށެވެ. އަދި ބަލިވާ ފަހަރު ބަލި ގަބޫލުކުރަންވެސް ވާނެކަމަށް ވިދާޅުވިއެވެ. އެއަށް ފަހު ވިދާޅުވީ އެއްވެސް މީހަކަށް ހަމަލާދޭން ނޫޅޭ ކަަމަށާއި ބަލިކުރާނީ ވޯޓުން ކަމަށެވެ.

https://twitter.com/ali_niya/status/1666017699754020864

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ރިޔާސަތުން ބޭނުންފުޅުވާ ގޮތަށް މަޖިލީހުގެ ގަވާއިދާއި ހިލާފަށް ކުރިޔަށް ގެންދާ މައްސަލާގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ނަޝީދަށް ފާޑު ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކި ކުރެއްވުމަށް ސަރުކާރު ހިންގާ މައިޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕީޖީން ވަނީ މިއަދު ފާސްކޮށްފައެވެ.

ޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ މިހާރު ތިއްބަވަނީ 56 މެންބަރުންނެވެ. އޭގެތެރެއިން މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 42 މެންބަރުންނެވެ. ޕީޖީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އަސްލަމް އަށް ޕީޖީގައި ނެގޭ ވޯޓުތަކުގައި ބައިވެރިއެއްނުވެވެއެވެ. އެހެންކަމުން މިއަދުގެ ވޯޓުގައި ބައިވެރިވީ 41 މެންބަރުންނެވެ. އޭގެތެރެއިން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ.