ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކި ކުރެއްވުމަށް ސަރުކާރު ހިންގާ މައިޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕީޖީން ފާސްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕީޖީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެގޮތަށް ނިންމެވީ މިއަދު ބޭއްވި އެޕާޓީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ކަމަށެވެ. އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފާސްވީ ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

އަސްލަމް ވިދާޅުވީ މިފަހަކަށް އައިސް ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އަމަލު ކުރައްވަމުން ގެންދަވާ ގޮތުގެ ސަބަބުން މަޖިލީހުގެ މެންބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ވަކިން ހާއްސަކޮށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އެ ކަންބޮޑުވުންހުރި ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާ ވާހަކަ މަޖިލީހުގައާ އަދިވެސް އެހެން ފޯރަމްތަކުގައި ދިޔައީ ދެކެވެމުން،" އަސްލަމް ވިދާޅުވިއެވެ.

[caption id="attachment_52609" align="alignnone" width="1280"] ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު އެމްޑީޕީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---[/caption]

އަސްލަމް ވިދާޅުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އާއި ހިލާފަށް މަޖިލިސް ކުރިޔަށް ގެންގޮސް މަޖިލިސް ހުއްޓުމަކަށް އައިސްފައި ވަނީ މަޖިލީހުގެ ރިޔާސަތުން އަމަލު ކުރަމުން ދިޔަ ގޮތުގެ ސަބަބުން ކަމަށެވެ.

މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެޕާޓީން ވަކިވި 12 މެންބަރުންގެ ސަބަބުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް ވެސް ބަދަލުތައް ވަނީ ގެންނަން ޖެހިފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވަނީ މަޖިލީހުގެ އެންމެ ގިނަ މަސައްކަތްތައް ކުރެވެމުން އަންނަ މަޖިލީހުގެ ކޮމެޓީތައް ވެސް ހުއްޓިފައިވާ ކަމަށެވެ.

މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ މިހާރު ތިއްބަވަނީ 56 މެންބަރުންނެވެ. އޭގެތެރެއިން މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 42 މެންބަރުންނެވެ. ޕީޖީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އަސްލަމް އަށް ޕީޖީގައި ނެގޭ ވޯޓުތަކުގައި ބައިވެރިއެއްނުވެވެއެވެ. އެހެންކަމުން މިއަދުގެ ވޯޓުގައި ބައިވެރިވީ 41 މެންބަރުންނެވެ. އޭގެތެރެއިން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ.

ގާނޫނުއަސާސީގެ 82ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އެ މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެނެއް ނުވާނެ ކަމަށެވެ. ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް ބަލަހައްޓައިގެނެއް ނުވާނެ ކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމާއި، އެމީހެއްގެ ދިފާޢުގައި ބަހުސްގައި ބައިވެރިވެ ވާހަކަދެއްކުމުގެ ހައްގު އެއިން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައިވެއެވެ. ނަމަވެސް އެ މީހަކު މަގާމުން ވަކިކުރުމާބެހޭ ގޮތުން ނަގާ ވޯޓެއްގައި އެ މީހަކަށް ވޯޓެއް ނުދެވޭނެއެވެ.

ގާނޫނުއަސާސީގައި މިފަދައިން އޮތްއިރު މަޖިލީހުގެ ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.