ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެންބަރަކަށް އިންޒާރު ދެއްވާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

އެ ވީޑިއޯ އާއްމު ކުރެއްވީ ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ. އެ ވީޑިއޯ އިން ފެންނަނީ މަޖިލީހުގެ އިދާރާގެ ކުޑަ ދަށުގައި ތިއްބެވި މެންބަރުންތަކެއްގެ ތެރެއިން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ދިމާލަށް ރައީސް ނަޝީދު ވަޑައިގެން އެއްޗެއް ވިދާޅުވާ މަންޒަރެވެ.

ރޮޒައިނާ އާއްމު ކުރެއްވި ވީޑިއޯ އިން ނަޝީދު ދެއްކެވި ވާހަކައެއް ސާފު ނުވުމުން "ހަތާވީސް" އިން އަލީ ނިޔާޒު އަށް ގުޅާލުމުން ނަޝީދު ދެއްކެވި ވާހަކަ ސާފު ކޮށްދެއްވިއެވެ.

އެގޮތުން ރައީސް ނަޝީދު އޭނާ ކައިރި އަށް ވަޑައިގެން އިންޒާރު ދެއްވާ ވިދާޅުވީ މީހުން ފޮނުވައިގެން އެމަނިކުފާނުގެ ގަޔަށް އަރުވަން ނުހެދުމަށް ކަމަށެވެ.

https://twitter.com/Roxeyna/status/1665962259951255552?s=20

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ރިޔާސަތުން ބޭނުންފުޅުވާ ގޮތަށް މަޖިލީހުގެ ގަވާއިދާއި ހިލާފަށް ކުރިޔަށް ގެންދާ މައްސަލާގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ނަޝީދަށް ފާޑު ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ތިން ދުވަހުގެ މަތިން ވެސް އެ މައްސަލަ ކުރިޔަކަށް ނުގެންދެވުނެވެ. އެގޮތުން މިއަދު މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ މެންބަރުން ވަނީ އިހުތިޖާޖު ކޮށްފައެވެ.