މޮރީޝަސް އާއި ދިވެހިރާއްޖެއާ ދެމެދު ފުށު އަރާފައިވާ އިމުގެ މައްސަލާގައި މީގެކުރީގެ އެއްވެސް ސަރުކާރަކަށް ދިވެހިންގެ ހައްގުގައި ގޮތެއް ނިންމާކަށް ކެރިވަޑައިނުގަތް ކަމަށް މި ސަރުކާރުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރާއްޖެ އަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސް އަށް ހުށަހެޅުނު މައްސަލަ ނިމުނު ނަމަވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަންނަނީ އެ މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިފައިވާ ކަމަށް ބުނެފައެވެ. އަދި ސަރުކާރުން އެކަން ކޮށްފައި ވަނީ "ޑީލް"އެއް ހަދައިގެން ކަމަށާއި ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު އެކަމަށް ޒިންވާން ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އެހެންކަމުން މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިއަދު ބޭއްވި މަޖިލިސް ޖަލްސާ އަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުން ރިފްއަތު ވިދާޅުވީ އިމުގެ މައްސަލަ ނިމުމުން މޮރީޝަސް ސަރުކާރުން އެމަނިކުފާނަށް ދެއްވި މެޑެއްޔެއް ނެތް ކަމަށެވެ. އަދި އެއްވެސް ފައިސާއެއް އެކަމުގައި ލިބިވަޑައިގެންފައި ނުވާނެ ކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

މީގެކުރީގެ ސަރުކާރުތަކުން އިމުގެ މައްސަލާގައި ކުރީގެ ސަރުކާރުތަކަށް ނޭނގި ނަމަވެސް އޮތީ އިހުމާލުވެވިފައި ކަމަށް ރިފްއަތުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"ދެކުނުގެ އީއީޒެޑުގެ މައްސަލާގައި ކުރީގެ ބަންޑާރަ ނާއިބުން ވެފައިވާ އިހުމާލުވެސް އިންތިހާ އަށް ބޮޑު. އެކަން އަޅުގަނޑު ލަދުވެތި ކަމާއެކުގައި ފާހަގަކުރަން. ދެކުނުގެ އީއީޒެޑުގެ މައްސަލާގައި އަޅުގަނޑު އިސްކުރީ ދިވެހި ދައުލަތުގެ މަތީ މަސްލަހަތު،" ރިފްއަތު ވިދާޅުވިއެވެ.

އޭޖީގެ ވާހަކަ އެހާ ހިސާބަށް ދިއުމުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނަންގަވާ ހުށަހެޅުނު މައްސަލަ އަށް ޖަވާބުދާރީވުމުގެ ބަދަލުގައި ކުރީގެ ރައީސުންނަށް އެމަނިކުފާނު "އެޓޭކް" ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ރިޔާސަތުން ވަނީ އެ ނިޒާމީ ނުކުތާ ބަލައިގެންފައެވެ. އަދި މައްސަލަ އަށް ޖަވާބުދާރީވުމަށް ރިޔާސަތުން ރިފްއަތު އަރިހު އެދިވަޑައިގަތެވެ.

ރައްދުގައި ރިފްއަތު ވަނީ އޭނާ ވާހަކަ ދައްކަވަމުން ގެންދެވީ މައްސަލަގެ ދިފާއު ހުށަހެޅުމުގެ އިޖުރާއަތް ކަމަށެވެ. ރިފްއަތު އެހެން ވިދާޅުވުމުން ނަޝީދު ވަނީ މަޖިލީހުގެ އިޖުރާއަތް ކުރިއަށްގެންދާނެގޮތް އެނގޭނީ މަޖިލީހުގެ ރިޔާސަތަށް ކަމަށް ވިދާޅުވެ ނުރުހުން ފާޅުކޮށް ރައްދު ދެއްވައިފައެވެ.