ބަންޑާރަ ނާއިބު އޮފީހުގެ އަންހެން ދެ މުވައްޒަފަކަށް އޭދަފުށި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ފުރައްސާރަ ކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު އޮތީ މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. ނަމަވެސް މިއަދު ވެސް އެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ނުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލާގައި ބަންޑާރަ ނާއިބު މީގެކުރިން ޖަވާބުދާރީވެލެއްވީ ލިޔުމުންނެވެ. ނަމަވެސް އެމަނިކުފާނު ކަން ކުރެއްވީ ގޯސްކޮށް ކަމަށް ސަރުކާރާ ދެކޮޅު މެންބަރުން ވިދާޅުވުމުން މިއަދު އެމަނިކުފާނު މަޖިލީހަށް ހާޒިރުވެވަޑައިގަތެވެ. މަޖިލީހަށް ވަޑައިގަތީ އަރިހުގައި ވަޑައިގަތް ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމާއެކުގައެވެ.

މަޖިލިސް ބަހުސްގެ ތެރެއިން ނިޒާމީ ނުކުތާ ނަންގަވާ ވާހަކަދައްކަވަމުން ސަލީމް ވަނީ އޭޖީއާއެކު މަޖިލީހަށް ވަޑައިގެންނެވި ދެ އަންހެން ބޭފުޅުންނަށް އަނގަބަހުން ފުރައްސާރަ ކުރައްވާފައެވެ. އެގޮތުން ބަންޑާރަ ނާއިބުގެ އަރިހުގައި ތިއްބެވި ދެ ބޭފުޅުންނަކީ 18 އަހަރު ނުފުރޭ ދެ ކުދިންތޯ ސާފު ކޮށްލަން ބޭނުންފުޅުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމަށް އޭނާ ޝައްކު ކުރައްވާ ކަމަށެވެ.

https://twitter.com/2013Oneday/status/1665646227126620161?s=20

އެކަމާއި ގުޅިގެން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ ވަޒީރުންނާއެކު ތިއްބަވާ އަންހެންނުންނަށް ކުޑައިމީސްކޮށް، ފޮށެން ފެށުމުން މިއަދަކީ 19ވަނަ މަޖިލީހުގެ ހަޔާތުގައި މިއަދަކީ ކަޅު، ހުތުރު ދުވަހެއް ކަމަށެވެ.

ސަލީމްގެ ވާހަކައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުންނަށް، އަދި ވަކިން ހާއްސަކޮށް އަންހެން ބޭފުޅުންނާއި ގުޅޭ ގޮތުން، ކުޑައިމީސްވާ ގޮތަށް ވާހަކަ ނުދެއްކެވޭނެ ކަމަށެވެ.

"ހާއްސަކޮށް ޖިންސުއްލަތީފުންނާ ގުޅޭ ގޮތުން، މތަނަށް ވަޑައިގަންނަވާ ބޭފުޅުންނާ ގުޅޭ ގޮތުން ކުޑައިމީސްވާ ގޮތަށް ވާހަކަ ނުދެއްކުމަށް ވަރަށް ބޮޑަށް އެދެން،" ނަޝީދު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ސަލީމަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.