ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއި މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ އެހެން ވިދާޅުވީ އެޓަރނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސް ކުރައްވަމުންގެންނެވެ.
ޝިފާއު ވިދާޅުވީ މި ސަރުކާރުން ހުރިހާ ކަމެއްގައިވެސް އެންމެ ބޮޑަށް އިސްކުރާނީ ރައްޔިތުންގެ މަސްލަހަތު ކަމަށެވެ. އެކަމާއި މެދު އެއްވެސް ރައްޔިތަކު ޝައްކުނުުކުރާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ސަރުކާރަކީ ރާއްޖޭގެ އިޖުތިމާއި، އިގްތިސާދީ އަދި އުމްރާނީ ތަރައްގީ ބަދަލުކޮށްލި ސަރުކާރު ކަމަށް ވިދާޅުވެ ޝިފާއު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް އެކަން ހަޖަމުނުވާ ކަމަށެވެ.
"ބައެއް ސިޔާސީ ބޭފުޅުންނަށް ސިޔާސީ ބޭނުމަށްޓަކައި މި ކަންކަން ތަހައްމަލުނުވެ މިކަންކަން ހިތަށް ކުޅަދާނަ ނުވޭ، ދެން ރައްޔިތުިން ކުރިމަތީގައި މި ބޭފުޅުން ދައްކާނެ މާ ގިނަ ވާހަކަތަކެއް ނެތުނީމަ މިއަދު މިފެންނަނީ ސިޔާސީ ލަނގިރި ޖަހާ މަންޒަރު" އިދިކޮޅު ފަރާތްތަކަށް ފާޑުކިޔަމުން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުން ނެރެމުންދާ ނަތިއްޖާ ރައްޔިތުން ބަލައިގަނެ އެ ރަައްޔިތުން ތިބި ދެވަނަ ދައުރަކަށް ރައީސް ހޮވަން ކެތް މަދުވެފައި ކަމަށެވެ.
"އާ ގާނޫނު އަސާސީގެ ދަށުން ދެވަނަ ދައުރަކަށް ވެރިކަން ކުރާނެ ރައީސް އަކީ ރައީސް ސޯލިހުއަށް ހެދުމަށް ކެތް މަދުވެފައި. ދެނެއް މިކަމެއް ނުހުއްޓޭނެ. މެޖޯރިޓީ އޮތީ އެމްޑީޕީގައި" ޝިފާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމު ހަލަބޮލިކޮށް ސުންނާފަތި ކުރުން ކަމަށެވެ. އަދި މީހުންގެ އަމިއްލަ ޖީބަށް ބޮޑުކުރުން ކަމަށެވެ.
އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖެ މޮޅުވީމާ ޓީމަށް ނާރައި ބެންޗުގައި ތިބި ޝަކުވާ ކުރާ މަންޒަރު" ޝިފާއު ވިދާޅުވިއެވެ.