އައްޑޫ ސިޓީގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއު ނިމުމުގެ ސަބަބުން އެ ސިޓީގެ އެކި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފުތަކަށް ނިމުމެއް އަންނާނެ ކަމަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަދި އެ ސިޓީގެ ކުރީގެ މޭޔަރު ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިއަދު ހިތަދޫގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ވަޑައިގެން ޕާޓީގެ އާއްމު މެންބަރުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގެ ހަވާސާގައި "ހަތާވީސް"އާ ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ ސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އައްޑޫގެ އިގްތިސޯދު ވެސް ކުރިޔަށް އޮތް ތަނުގައި ރަނގަޅުވެގެން ދާނެ ކަމަށެވެ.
ސޯބެގެ ވާހަކަފުޅުގައި އައްޑޫގައި ކުރިޔަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުގެ ސަބަބުން މީގެކުރިން އެ ސިޓީގެ ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފުތަކަށް ނިމުން އަންނާނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އިގްތިސޯދެއް ކުރިއަރަން ދާއިރު އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމަށް ރަނގަޅު ފެންވަރަކަށް މަގުތައް ހެދިފައި ހުރުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ.
"ވިއްސާރާގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެ މުދާ ހަލާކުވެ މިކަހަލަށް ވަރަށް ގިނަ ކަންކަން ތަހައްމު ކުރަމުން އައީ [ރައްޔިތުން]. ދެން އެކަމަށް ނިމުމެއް މިއައީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެން ދިއުމުން،" އައްޑޫ ސިޓީގެ މޭޔަރުކަން 10 އަހަރު ދުވަހު ފުރުއްވި ސޯބެ ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ސަރުކާރުން އަންނަނީ ތަރައްގީގެ ބޮޑު ތިން މަޝްރޫއުއެއް ކުރިޔަށް ގެންދަމުންނެވެ. ރައީސް ސޯލިހު މިހާރު އައްޑޫ އަށް ކުރައްވާ ދަތުރުފުޅުގައި އޭގެތެރެއިން އެއް މަޝްރޫއުއެއް އިއްޔެ ފައްޓަވައި ދެއްވިއިރު މިއަދު ހަވީރު އިތުރު މަޝްރޫއުއެއް ފައްޓަވައި ދެއްވާނެއެވެ. އެގޮތުން އިއްޔެ އެމަނިކުފާނު ވަނީ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވައިފައެވެ. އަދި މިއަދު އެމަނިކުފާނު ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވާނެއެވެ.