އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވުމުގެ އުފަލުގައި އައްޑޫ ސިޓީގައި މިރޭ ހަވާ އަރުވާ ގޮތަށް ނިންމައިފިއެވެ.
އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު “ހަތާވީސް” އަށް މިއަދު ވިދާޅުވީ ހަވާއަރުވަނީ ރައްޔިތުންގެ ފަރާތުން ކަމަށެވެ.
"ރައީސް އައްޑޫއަށް ކޮށްދެއްވަމުން ގެންދަވާ ކަންތައް ފާހަގަކުރުމަށް ރައްޔިތުންގެ ފަރާތުން ރައީސަށް އަރުވާ ހަވާއެއް" ޝުއާއު ވިދާޅުވިއެވެ.
ހަވާ އަރުވާނީ އައްޑޫ ސިޓީ ހިތަދޫގައި މިރޭ ނުވައެއް ޖަހާއިރު ހިތަދޫ ސިޓީ ސްކޮއާގައެވެ.
އިއްޔެ ރައީސް ސޯލިހު ވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާފައެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ހިންގާ 34 މަޝްރޫއުގައި ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެވެ.
އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ފޭދޫ ފިޔަވާ އައްޑޫގެ އެހެން އަވަށްތައް އެކުލެވޭ ގޮތް ޖުމްލަ 194.3 ހެކްޓަރިގެ ބިން ހިއްކާނެއެވެ. އެ މަޝްރޫއު އަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ހޭދަވާނެއެވެ.
މަޝްރޫއުގެ ދަށުން 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެއެވެ. ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުމަށް ވަނީ ނިންމާފައެވެ.
އައްޑޫގެ ބިން ހިއްކުން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް ޑްރެޖިންއާ ހަވާލު ކޮށްފައިވަނި މިދިޔަ މާޗު މަހުގެ 27ވަނަ ދުވަހުއެވެ. އެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލަން ޖެހެއެވެ. އެ މަސައްކަތުގެ ދަށުން ބިން ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާނެއެވެ.