ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހި ގައުމަށް ހިޔާނާތްތެރިވެ، ޣައްދާރުވެފައިވާ ކަމަށް ފޯޅަވަހި ކޯލިޝަންގައި ހިމެނޭ އިސް ބޭފުޅުން ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަހައްދުގައި މިރޭ ފޯޅަވަހި ކޯލިޝަނުން ބޭއްވި "ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ރާއްޖެ ކިޔަނީ ކޮންމެ ރަށެއްގެ ތޮށިން ފެށިގެން ހިކިފަސް ތަނަކަށް ނޫން ކަމަށާއި ރާއްޖޭގެ ވަށައިގެންވާ ފަޅާއި ގިރިއާއި ކަނޑަކީ ދިވެހިންގެ ހިތާ ގުޅިފައިވާ ތަންތަން ކަމަށެވެ.

އޭނާ ވިދާޅުވީ "ނޫކަނޑާ ޖަޒީރާތަކޭ" ކިޔުއްވާ މުޅި ކަނޑު ދިވެހި މަސްވެރިން މަސް ބޭނުމަށް ދޭނަމޭ ކިޔާ ވެރިކަމަށް ވަޑައިގަތުމަށްފަހު "ޑެންމާކަށްވުރެ ބޮޑު ސަރަހައްދެއް ދިވެހި ކަނޑުން ރައީސް ސޯލިހު" ދޫކޮށްލައްވާފައިވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ތިޔަ ހުރީ މި ގައުމަށް ހިޔާނާތްތެރިވެގެން ތިޔަ ހުންނެވީ ޣައްދާރުވެގެން ގަބުކަމުގައި ގަމާރުކަމުގައި ހުންނަވައިގެން ތިޔަ ހުންނެވީ އެންމެ ބޮޑު ގޯސް ހެއްދެވިގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މީގެ 98 ދުވަސް ފަހުން ވަޒީފާގައި އޮންނާނެ ޕްރޮބޭޝަން މުއްދަތު 98 ދުވަސް ފަހުން ސެޕްޓެމްބަރު 9ގައި އިރާދަކުރެއްވިއްޔާ މިވެރިކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބަލިކުރާނަން،" ވައްޑެ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ސަރުކާރަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން 44،000 ކިލޯ މީޓަރު ގެއްލުނީ ކަމަށެވެ. އެބައި ލިބިގެން ދިޔައީ މޮރީޝަސް އަށް ކަމަށް އުމަރު ވިދާޅުވިއެވެ.

"އެކަމަށް ބާރު އެޅީ ތިންވަނަ އެހެން ގައުމަކުން. އަޅުގަނޑުމެންނަކަށް ލިބުނު އެއްޗެއް ނެތް،" އުމަރު ވިދާޅުވިއެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރަނީ އެހެން ގައުމަކުން ކަމަށެވެ. އެ ތުހުމަތު ދިވެހި އެތައް ރައްޔިތުންތަކެއް ކުރާތާ އެތައް ދުވަހެއްވެއްޖެ ކަމަށާއި ރާއްޖެ އަށް ބޭރުގެ ސިފައިން ބާލައިގެން ގަންނަމުން ދަނީ "ކޮން ގަނޑެއްތޯ" އުމަރު ވަނީ ސުވާލު އުފައްދައިފައެވެ.

އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ރާއްޖެ މިނިވަންވިތާ 50 އަހަރަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް އެއްވެސް ވެރިކަމެއްގައި ދޫކޮށްލާފައި ނުވާ ކަމަށެވެ. ނަމަވެސް ފޮނުވާލި އެންމެ ސިޓީއަކުން ރާއްޖޭގެ ބައެއް މަސްވެރިންނާއި ދިވެހިންނަށް ގެއްލިއްޖެ ކަމަށް އޭނާ ވިދާޅުވެފައެވެ.

ޖަލްސާގެ ކުރީ ސަފުގައި ތިއްބެވި ތަފާތު ފިކުރުތަކުގެ ސިޔާސީ ބޭފުޅުންނަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ މިއަދު އެ ހުރިހާ ބޭފުޅުން ތިއްބެވީ ސިޔާސީ ފިކުރު އެއްފަރާތް ކުރުމަށްފަހު ގައުމީ މަސައްކަތަށް ނިކުންނަވައިގެން ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ މިތާނގައި... އަޅުގަނޑުމެން އެކަތިގަނޑަކަށް ވާން ޖެހިއްޖިއްޔާ އެކަތިގަނޑަކަށް ވާނަން އަޅުގަނޑުމެން. އަޅުގަނޑުމެން ގުޅިގެން މި ސަރުކާރު ބަދަލު ކޮށްލާނަން،" ނާޒިމް ވިދާޅުވިއެވެ.