ރާއްޖެ އާއި މޮރީޝަސްއާ ދެމެދު ފުށުއަރާ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމިއިރު ދިވެހި ކަނޑުގެ ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އަދިވެސް ސަރުކާރާ ދެކޮޅު ޕާޓީތަކުން ބާއްވަން ނިންމާފައިވާ ހަރަކާތުގައި ބައިވެރިނުވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރުންނަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.
މި މައްސަލާގައި މިހާތަނަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ މައްސަލާގައި އަލީ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މި ބޭފުޅުން އަންނަނީ އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު ހަރަކާތެއް ހިންގުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭ 20:30 ގައި އާޓްފިޝަލް ބީޗުގައި ބޮޑު އެއްވުމެއް ބާއްވަން ވަނީ ނިންމައިފައެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕަށް ގާސިމް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރި ނުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އެ އެއްވުމުގެ މިސްރާބާއި ނަތީޖާ ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުގެ ގިނަ މެންބަރުންނަށް އޮޅިފައި ނޯންނާނެ ކަމަށް ވިދާޅުވެ ގާސިމް ވަނީ އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި ގޮތަށް ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން އިސް ކުރުމަށް ގޮވާލައިފައެވެ.
އެ އެއްވުމުގައި ބައިވެރި ނުވުމަށް ގާސިމް އެދިވަޑައިގެންފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން "މޭޑޭ" ގެ ނަމުގައި ބޭއްވި އެއްވުމުން ނިކުތް ނަތީޖާގެ ސަބަބުންނެވެ. އެފަހަރު ވެސް އެ މުޒާހަރާގައި ބައިވެރި ނުވާން ޖޭޕީން ނިންމި ކަމަށާއި އެ އެއްވުމުން ނިކުތީ އެންމެ އެދެވޭ ނަތީޖާއެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސް އުފައްދަވަމުން އަންނަ ދަ ޑިމޮކްރެޓްސް ޕާޓީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނާއިބު ޑރ. މުނައްވަރާއި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝުކޫރު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.