މާލެއާ ކައިރި ފަޅެއްގައި ތަރައްގީކުރާ ރާއްޖޭގެ ފުރަތަމަ ފްލޯޓިން ސިޓީއަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން ހިންގަމުން އަންނަ ކޮރަޕްޝަނެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ތުހުމަތު ކުރައްވައިފިއެވެ.

ރާއްޖޭގެ ފުރަތަމަ ފްލޯޓިން ސިޓީގައި 5،000ގެ އެޅުމަށް ބައިސަން މޯލްޑިވްސްއާ ހަވާލު 2022ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ބައިސަން މޯލްޑިވްސްއާއެކު ދެން މި މަސައްކަތުގައި ބައިވެރިވާ އަނެއް ކުންފުންޏަކީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްއެވެ.

މި ފްލޯޓިން ސިޓީއަކީ މާލެ އިން 10 މިނެޓުގެ ދަތުރެއް ކުރުމަށްފަހު އާދެވޭނެ ސިޓީއެކެވެ. މި ފްލޯޓިން ސިޓީގައި 5،000 ގެ ހެދުމަށް ހަމަޖެހިފައިވެއެވެ. ކޮންމެ ގެއެއްވެސް ހަދަނީ ދެ ބުރިއަށެވެ. އަދި ކޮންމެ ގެއެއްގެ މަތީގައި ޓެރެސް އެއް އިނދެއެވެ. މި ގެތަކުގައި ހުންނާނީ އެކި ކުލަތައް ކަމަށްވެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަނދުން ހުސައިން ވަނީ ފްލޯޓިން ސިޓީ ތަރައްގީ ކުރުމުގެ ނަމުގައި ޑަޗް ޑޮކްލޭންޑަށް ރާއްޖޭގެ އެތައް ފަޅެއް ދީފައިވާ ކަމަށެވެ. ހިދުމަތާއި ތަކެތީގެ އަގުތައް މަތިވެގެން ދަނީ ރާއްޖޭގެ އެފަދަ އަގުހުރި މުދާ ސަރުކާރާއި ދިވެހިންނަށް އެއްވެސް ފައިދާއެއް ނެތް ގޮތަކަށް ވިއްކާލެވިގެން ދާތީ ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.

"ހުރިހާ ތަނެއް ހިއްކާފައި ރިސޯޓު މާކެޓުގައި ވިއްކީ. ކޮބައިތޯ ފައިސާ. އެންމެ ފަޅަކަށް ތިން ލައްކަ ޑޮލަރު އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި. އިއްޒަތްތެރި ރައީސް.. ވ. އަތޮޅުން 24 މިލިއަނަށް 22 މިލިއަނަށް ފަޅެއް މި ވިކެނީ. ކޮންމެ އަގަކަށް ވިއްކި ނަމަވެސް އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ސަރުކާރަށް ދީފައި އޮތީ ތިން ލައްކަ ޑޮލަރު. ދެން ވިއްކިހާ ފަޅެއް އެ ދިޔައީ،" ފްލޯޓިން ސިޓީގެ ކޮރަޕްޝަންގެ ވާހަކަތައް ހިއްސާ ކުރައްވަމުން އަނދުން ހުސައިން ވިދާޅުވިއެވެ.

އަވައްޓެރި ލަންކާގެ ޑޮކްޔާޑުން ދަގަނޑު ބަނޑެއްގައި ކޮޓަރިއެއް ހަދައިގެން ރާއްޖެ ގެނެސްފައިވާ ކަމަށާއި އެހެންނަމަވެސް ފްލޯޓިން ސިޓީ އަކީ ދަގަނޑު ބަނޑުގައި ތަރައްގީ ކުރާ އެއްޗެއް ނޫން ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.

ފްލޯޓިން ސިޓީގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އަނދުން ހުސައިން ތުހުމަތު ކުރެއްވިއިރު އެއީ ބޮޑު "ސްކޭމެއް" ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ވަނީ ވިދާޅުވެފައެވެ.