މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް މާލެ ކައިރީގައި ތަރައްގީ ކޮށްފައިވާ “ކުޑަގިރި ޕިކްނިކް އައިލެންޑް”އަކީ ގެސްޓު ހައުސް ވިޔަފާރިތަކަށް ބޮޑު އެހީއެއް ކަމަށް އާބަންކޯ އިން ބުނެފިއެވެ.
ކުޑަގިރި ހުޅުވާލީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. އެރަށް ހުޅުވައި ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ކުޑަގިރި ހުޅުވާލި ދުވަހު އެކަނިވެސް 600 އަށްވުރެ ގިނަ މީހުން އެރަށަށް ދަތުރު ދިޔައެވެ.
އާބަންކޯ ބުނީ ކުޑަގިރި އަކީ އާއްމުންގެ މެދުގައި މިހާރުވެސް ހަފުތާ ބަންދުތަކުގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމަށް މަގުބޫލު ރަށެކެވެ.
އާބަންކޯ އިން ބުނީ އެ ކުންފުނިން މަސައްކަތްކުރަނީ ގިނަ ވަސީލަތްތަކާއި ފަސޭހަތަކާއި އެކު ޕްލޭން ކުރެވި ތަރައްގީ ކުރެވިފައިވާ ކުޑަގިރިން ލިބިދޭ ހިދުމަތްތައް އިތުރުކޮށް، ފެންވަރު އިތުރަށް ރަނގަޅު ކުރުން ކަމަށެވެ. ދިވެހިންނަށް ހިލޭ ދަތުރު ދިއުމަށް ކަނޑައެޅިފައިވާ ކުޑަ ގިރި ޕްލޭން ކުރެވިފައި ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބޭރު މީހުންނާއި ފަތުރުވެރިންނަށް ވެސް މި ރަށް ކުޑަ ފީ އެއް ދައްކައިގެން ބޭނުން ކުރެވޭގޮތަށް ކަމަށްވެސް އާބަންކޯ އިން ބުންޏެވެ.
އާބަންކޯ އިން ބުނީ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން، ކުދި އަދި މެދު ފަންތީގެ ވިޔަ ފާރިތައް ނުވަތަ ގެސްޓް ހައުސްތައް މި ވަނީ މިއަދު އިތުރުވެފައިވާއިރު އަދި މާލެ ސަރައްދުގެ ގިނަ ރަށްތަކެއްގައި މިހާރު ގެސްޓް ހައުސްތައް އެކި ފެންވަރުގައި ހިންގަމުން ދާއިރު، ކުޑަގިރި ވެފައި ވަނީ ގިނަ ވަސީލަތްތަކާއި އެކު މި ވިޔަފާރިތަކަށް ބޮޑު އެހީ އަކަށް ކަމަށެވެ.
"މިހާރުވެސް މާލެ ސަރަހައްދުގެ ގިނަ ގެސްޓް ހައުސްތަކުން ފަތުރުވެރިން ކުޑަގިރިއަށް ޑޭ ޓްރިޕް ގެންދޭ. މިކަމުގެ ސަބަބުން މިފަދަ ގެސްޓް ހައުސްތަކުން ހިދުމަތް ދިނުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ހެޔޮ އަގެއްގައި އެއްތަނަކުން ލިބިގެން ދާއިރު، ފަތުރުވެރިންނަށް ވެސް އައު މާހައުލެއްގައި ގިނަ ހަރަކާތްތަކެއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދޭ" އާބަންކޯއިން މީޑިއާތަކާ ހިއްސާކުރި ރިޕޯޓެއްގައިވެއެވެ.
ހުޅުމާލެއިން ކުޑަގިރިއަށް ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައިވާ ގަޑިތަކުގައި ފެރީ ދަތުރު މިހާރު ދަނީ ކުރަމުންނެވެ. އެހެންކަމުން، ކުޑަގިރިއަށް ދިއުމަށާއި ވަސީލަތްތައް ބޭނުން ކުރުމަށް ގިނަ ފަސޭހަތަކެއް ގެސްޓް ހައުސް ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ލިބިގެންދާނެއެވެ. އަބަންކޯގެ އަމާޒަކީ ކުޑަގިރިން އާއްމުންނަށް ދެމުންގެދާ ހިދުމަތްތައް އަދިވެސް އިތުރުކޮށް ފަތުރުވެރިކަމުގެ ސިނާޔަތް ކުރިއެރުވުމަށް މިފަދަ ގެސްޓް ހައުސް ވިޔަފާރިތަކަށް ވެސް ގިނަ ލުއިތަކެއް ހޯދައިދިނުމެވެ.
ކުޑަގިރީގައި ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް މި ރަށުގައި މިހާރުވެސް ހުރެއެވެ. ކެފޭ ރެސްޓޯރަންޓް، މޫދުގެ އެކި ކުޅިވަރުތަކާއި، ބީޗް ކުޅިވަރުތައް އަދި ޑައިވިން ސްކޫލްވެސް ހުރެއެވެ.
އެ ހިދުމަތްތައް ކުޑަ ގިރީގައި ގާއިމު ކުރުމުގެ އެއްމެ ބޮޑު ބޭނުމަކީ ދިވެހިންނަށާއި، ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވެސް ހެޔޮ އަގެއްގައި ރާއްޖޭގެ ހިތްފަސޭހަ ކަމާއި ގުދުރަތީ ރީތިކަން ފަސޭހައިން ތަޖުރިބާ ކޮށްލެއްވޭނެ ގޮތެއް ފަހި ކޮށްދިނުން ކަމަށް އާބަންކޯއިން ބުންޏެވެ.