ކުރިއަށް މިއޮތީ ސިޔާސީ މައިދާނުގައި ގަދަ ކޮޅިގަނޑެކެވެ. ރައީސް މުހައްމަދު ނަޝީދު ސިފަ ކުރައްވާ ގޮތުންނަމަ "ޖޫން ޖުލައި ގަދަ ކުރިމަތިވަނީ" އެވެ. ރިޔާސީ އިންތިހާބު ބޯމަތީގައި އޮތް އިރު، ކެމްޕޭނުގެ ފޯރިއާއި، ޕާޓީތަކުގެ ދެބައިވުމާއި، "ޗާގޯސް" ގެ އަރާރުންގަނޑުގެ ތެރޭގައި ރާއްޖެ މިއޮތީ އެކީއެކަށް ހަލަބޮލިވެފައެވެ. އެއާއެކު އަންނަ މަހު ފަށައި ސަރަހައްދީ އެންމެ ފޯރިގަދަ، އަދި ދިވެހިން އިހަކަށް ދުވަހާ ޖެހެންދެން އެންމެ އިންތިޒާރު ކުރަމުން އައި ސާފް ޗެމްޕިއަންޝިޕުގެ ފޯރިއެއް އެއްވެސް ދިމާލަކުން ފެންނަންނެތް ކަމީ ހިތާމައެކެވެ.

މީގެ 15 އަހަރު ކުރިއަށް ޖެހިލާއިރު ވެސް އޮތީ މިއަދު މި ފެންނަމުންދާ ފަދަ ހާލަތެކެވެ. ބައިވަރު ކެނޑިޑޭޓުންނެއް ނުކުމު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ރިޔާސީ އިންތިހާބަކަށް ތައްޔާރުވަނީއެވެ. ސިޔާސީ ހަލޮބޮލިކަން އިންތިހާއަށް ބޮޑުވަމުން ދިޔަ ދަނޑިވަޅުގައި އޮތް ސާފް ޗެމްޕިއަންޝިޕް އެފަހަރު ކަންދިމާކުރި ގޮތުން އޮތީ ރާއްޖެއާއި ސްރީލަންކާއަށް ބަހާލައިގެންނެވެ. ރާއްޖޭގައި ބައެއް މެޗުތައް ކުޅުން އިރު، ސިޔާސީ މީހަކާއި މީހެއް ކިޔައި ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދިން އެ މުބާރާތުން ލިބުނު ފިލާވަޅުތައް މިއަދު ހަނދާން ނެތިއްޖެއެވެ.

ފުޓުބޯޅައިގައި ހޯދުނު އެންމެ ފުރިހަމަ ކާމިޔާބީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށް ރާއްޖެ ހޯދިއިރު، އެކަމުގެ ފޯރި އާއި ޖަޒުބާތުގައި ނުޖެހޭ އެއްވެސް ދިވެއްސެއް ނެތެވެ. ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އެ ވެރިކަމާ ހެދި ހިތްހަމަ ނުޖެހި އެތައް ބައެއް ތިބި ނަމަވެސް އެކަން އެ ދުވަހު ހަނދާނުގައި ވެސް ނެތް ފަދައިން އެންމެން ފޯރީގައި ދިޔައީ އުފާފާޅު ކުރަމުންނެވެ.
އޭގެ 10 އަހަރު ފަހަށް ޖެހިލަމާތޯއެވެ. ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީއިން ބޮޑު ކޯލިޝަނަކާއެކު ދިޔައީ އެތައް މުޒާހަރާއެއް ކޮށް އޭރު ދޮންވަމުން ދިޔަ އިންތިހާބަށް ތައްޔާރުވަމުންނެވެ. އެކަމަކު އިހުގައި އޮތް ފޯރި ނެތް ނަމަވެސް ރާއްޖެ ދެވަނަ ފަހަރަށް ތަށި އުފުލާލި ދުވަހު އެ އެންމެން ވެސް ސިޔާސީ ވިސްނުން އެއްކައިރި ކޮށްލައި ގައުމީ ރޫހުގައި ގައުމީ ޓީމާއެކު ތިބިކަން ދައްކުވައިދިނެވެ. މަގުތައް ރަތްކުލައިން ފުރާލަދިނެވެ.

ކުރިން އޮތްފަދަ ފުޓުބޯޅައިގެ ސަގާފަތެއް ނެތް ނަމަވެސް އެފަހަރުވެސް ދިވެހިންނަށް އެ މުބާރާތް މުހިއްމުވިއެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ވެސް އިތުރު އެހެންކަމެއް ވާކަން މީހުންނަށް އިނގުނެވެ.

ނަމަވެސް މިފަހަރުގެ ސާފް މުބާރާތަށް ބާކީ ތިން ހަފުތާ އޮތް އިރުވެސް މަގެއް މަތިން، ރަށެއްގެ ހޮޅުއަށްޓެއްގެ ބޮޑު ވާހަކަތަކުގެ ތެރެއިން މައުލޫއަކަށް ވެސް އޭގެން ވާހަކައެއް އަރާލާނެކަމުގެ ކޮޅުމައްޗެއް ވެސް ފެންނަން ނެތްކަމީ ހިތާމައެކެވެ. ގައުމީ ވާޖިބެއް ކަމަށް ދެކި ކުރަމުން އައި ކަމެއް މިއަދު އެއްގޮތަކަށް ވެސް ހޯދާ ހޯދާ ނުފެނުމަކީ ސިޔާސީ އަދި އެހެން ކަމެއްގެ ތެރޭގައި ފޮރުވި، ކަޝްފުވެފައި އޮތް އެއްޗަކަށް ވުމަކީ ބޮޑު ގޯހެކެވެ.

ހަގީގަތުގައި ގައުމެއް އެހެން ގައުމުތަކުގެ ކުރިމަތީގައި އަގު އުފުލާލަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ ވެސް މި ޒަމާނުގައި މިއީއެވެ. ކުޅިވަރުން ހޯދާ ރަންވަނައަކީ އެހެން ގައުމުތައް ކުރިމަތީގައި މި ގައުމުގެ ޝަރަފު މަތިވެރިވާނޭ ކަމަކަށްވީއިރު، ސިޔާސީ ވިސްނުމެއްގެ ތެރޭގައި މުޅި ގައުމު ގަރަގުވާން ދޫކޮށްލިޔަދީގެން ތިބުމަކީ ހެދޭނެ ގޯހެކެވެ.