މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ އިމުގެ މައްސަލަ ގައުމީ މައްސަލައަކަށް ވެގެން ހިނގައްޖެއެވެ. ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނާބެހޭ ޓްރައިބިއުނަލް (އިޓްލޮސް)ގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތާއި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީއަށްފަހު އެ ޓްރައިބިއުނަލްގެ ނިންމުން އައީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ ގޮތަށް ބުނެ ދަނޑިވަޅުގެ ބޭނުން ހިފައިގެން ސިޔާސީ ބޭފުޅުން ވެސް މިކަމުގެ ތެރެއަށް ވަދެ އަންނަ ރިޔާސީ އިންތިހާބާ ވެސް މިކަން ގުޅުވައިފި އެވެ.
ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަކީ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ރިޔާސީ ވައުދަކަށް ވެއްޖެއެވެ. ބައެއް ސިޔާސީ ޕާޓީތަކުން ވާހަކަ ދައްކާ ގޮތުން ނަމަ މޮރިޝަސް އާއި ރާއްޖެއާ ދެމެދު އިޓްލޮސްއިން ބަހާލި ސަރަހައްދު އަލުން އަތުލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެހެނަސް މިއީ ބައިނަލްއަގްވާމީ ގާނޫނު ދަންނަ ކަމެއް ނޫނެވެ.
އިޓްލޮސްގެ ނިންމުން ބަދަލުކުރުން: އެއްވެސް ގައުމަކަށް ނުކުރެވުނު ކަމެއް
މައްސަލަ އުފެދިފައިވާ ކަނޑުތައް ބެހުމަކީ އިޓްލޮސްއަށް އާ ކަމެއް ނޫނެވެ. އެތައް ގައުމެއްގެ ކަނޑުގެ މައްސަލަ އިޓްލޮސްއިން ނިންމައިފިއެވެ. އެކަމަކު އިޓްލޮސްގެ ނިންމުންތައް ބަދަލު ކުރުމަކީ މިހާތަނަށް އެއްވެސް ގައުމަކަށް ފަސޭހަ ކަމެއް ނޫނެވެ. ރުޅިއަޔަސް ހިންދިރުވާލުން ނޫން ގޮތެއް ބައިނަލްއަގްވާމީ ގާނޫނު އޮތްގޮތުން ގައުމުތަކަށް ނެތެވެ.
ދެކުނު ޗައިނާ ކަނޑުގެ މައްސަލަ އޭގެ ހެއްކަކަށް ފުދޭނެއެވެ. ފިލިޕީންސްގެ ކަނޑުގެ ބަޔަކަށް ޗައިނާއިން ދައުވާކޮށް ހުށަހެޅި މައްސަލަ 2016 ވަނަ އަހަރު އިޓްލޮސްގައި ނިމިގެން ދިޔައީ އެ އޮތް ބާރުގަދަ ޗައިނާއާ ދެކޮޅަށެވެ. އެކަމަކު އެ ނިންމުމާ ދެކޮޅަށް ހާރިޖީ އަދި ބައިނަލްއަގްވާމީ ގޮތުން އިހްތިޖާޖް ކުރުން ފިޔަވައި އިތުރު ކަމެއް ޗައިނާއަކަށް ނުކުރެވުނެވެ.
[caption id="attachment_52222" align="alignnone" width="1024"] މުޅި މައްސަލައިގައި ހިމެނޭ ކަނޑުގެ ސަރަޙައްދުތައް ދައްކުވައިދޭ ޗާޓު ——[/caption]
މައްސަލަ ރިވިއުކުރަން ނުވަތަ އިސްތިއުނާފް ކުރާނެ ކަމަށް ބުނެ ބަހަނާއެއް ނުދެއްކުނެވެ. މިއީ އިޓްލޮސްގެ ނިންމުންތައް ގާނޫނީ ގޮތުން ބާރުގަދަ މިންވަރެވެ. އެ ނިންމުން ބަދަލު ކުރުމުގެ ބާރު އދ. ގެ އެއްވެސް ގުނަވަނަކަށް ނޯވެއެވެ. ދެން އެހެންވީއިރު މި އޮތް ފަދަ ރާއްޖެއިން ބައިނަލްއަގްވާމީ ގޮތުން އިތުރަށް ކަމެއް ކުރާނެ ގޮތެއް ނުވިސްނެ އެވެ.
ބައިނަލްއަގްވާމީ ގާނޫނުތަކާއި ކޯޓުތަކަކީ އެއްވެސް އިރެއްގައި ކުޅޭ ކުޅޭ އެއްޗެއް ނޫންކަން ޖީއެމްއާރުގެ މައްސަލާގައި ރާއްޖެއިން ތަޖްރިބާ ކުރި އެވެ. "އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމެއް" ކަމަށް ބުނެ 2012 ވަނަ އަހަރު ޖީއެމްއާރު އަތުން އެއާޕޯޓް އަތުލި މައްސަލާގައި ހަތަރު ބިލިއަން ރުފިޔާގެ ބަދަލެއް ދޭން އެންގީ ބައިނަލްއަގްވާމީ އާބިޓްރޭޝަނުންނެވެ.
އިޓްލޮސްގެ ނިންމުމެއް ބަދަލު ކުރެވެނީ ކިހިނެތް
ދުނިޔޭގެ ހުރިހާ ކަނޑެއް ބޭނުން ކުރުމާއި ކަނޑުތަކުން ގައުމުތަކަށް ހައްގުވާ ބޭނުން ކުރެވޭނެ މިންވަރާއި ބޭނުން ކުރެވޭނެ ގޮތްތައް ކަނޑައަޅާފައި އޮންނަނީ ރާއްޖެ އާއި ދުނިޔޭގެ އެތައް ގައުމަކުން ބައިވެރިވެފައިވާ ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ ކަމަށްވާ އަންކްލޮސްގަ އެވެ. ކަނޑުގެ އިން ވަކިކުރުމުގައި ދެ ގައުމެއްގެ ދެމެދުގައި މައްސަލަ ޖެހިއްޖެނަމަ އެކަމަށް ގޮތް ނިންމޭނީ ވެސް އަންކްލޮސްގެ އުސޫލުތަކުގެ ދަށުން އިޓްލޮސްއިންނެވެ. މޮރިޝަސް އާއި ރާއްޖޭގެ މައްސަލަ ނިމިގެން ދިޔައީ ވެސް މި އުސޫލުގެ ދަށުންނެވެ.
އަންކްލޮސް މުއާހަދާ ބުނާގޮތުން އިޓްލޮސްގެ ނިންމުންތަކަކީ އިސްތިއުނާފް ނުކުރެވޭނެ އަދި ތަބާވާންޖެހޭ އެންމެ ފަހުގެ ނިންމުންތަކެކެވެ. އެ ނިންމުންތަކަށް ތަބާވުމަކީ ރައްދުވާ ގައުމުތަކަށް ލާޒިމް ކަމެއް ކަމަށް އަންކްލޮސް މުއާހަދާގައި ބުނެފައިވެއެވެ.
އިޓްލޮސްގެ ނިންމުންތައް ވަރަށް ހާއްސަ އިސްތިސްނާއީ ހާލަތްތަކުގައި އަލުން ބެލުން ނުވަތަ ރިވިއު ކުރުމުގެ ފުރުސަތު އޮވެ އެވެ. އެހެން ނަމަވެސް ރިވިއު ކުރަން އެދެވޭނީ ކުރިން ހާމަވެފައިނުވާ އާ ހަގީގަތެއް ހުކުމްކުރި ފަހުން ހާމަވެއްޖެ ނަމަ އެވެ. އަދި އެ ހަގީގަތަކީ މައްސަލައަށް އަސަރުކުރާ ވަރުގެ ބޮޑު ކަމަކަށްވާނަމަ ކަމަށް އިޓްލޮސްގެ ސްޓެޓިއުޓްގައިވެ އެވެ.
މި އުސޫލުން ބަލާއިރު އިޓްލޮސްގެ ނިންމުން އައިފަހުން މި މައްސަލާގައި ކުރިން ނުފެންނަ އާ ހަގީގަތެއް ފެނިފައެއް ނުވެ އެވެ. އަދި "ރާއްޖެއިން ގެއްލުނު ކަނޑު" އަނބުރާ ހޯދާނެ ކަމަށް ބުނެ ވާހަކަ ދައްކަވާ ފުންނާބު އުސް ގާނޫނީ ބޭފުޅުންނާއި ސިޔާސީ ބޭފުޅުންނަށް ވެސް އިޓްލޮސްގެ ސްޓެޓިއުޓްގައި އެ ބުނާފަދަ އާ ހަގީގަތެއް ދެއްކިފައެއް ނުވެ އެވެ.
މިކަމާ ބެހޭގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި ޑރ. މުހައްމަދު މުނައްވަރަށް އޭގެ ޖަވާބެއް ނުދެއްވުނެވެ. ކަނޑު ވިއްކާލީ ކަމަށް ބުނެ އިޓްލޮސްގެ ނިންމުމާ އެ ބޭފުޅުން ދެކޮޅު ހައްދަވާއިރު އެ ނިންމުން އެ ބޭފުޅުންނަށް ބަދަލު ކުރެވޭނެ ފޯމިއުލާއެއް ނުދެއްކެވުމަކީ ސުވާލު އުފެދޭ ކަމެކެވެ.
ކުރިން ނުފެންނަ އާ އެއްޗެއް ހޯދޭނެތަ؟
އިޓްލޮސްގެ ސްޓެޓިއުޓްގައިވާ ގޮތުން ނަމަ އާ ހަގީގަތެއް ލިބިގެން ހުކުމް ރިވިއު ކުރުމުގެ ދޮރަކީ މުޅި އުމުރަށް ހުޅުވިފައި އޮތް އެއްޗެއް ވެސް ނޫނެވެ. އެ ސްޓެޓިއުޓްގައިވާ ގޮތުން އަލުން ރިވިއުއަކަށް އެދުމުގެ ފުރުސަތު އޮންނާނީ ހުކުމްކުރި ތާރީހުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށެވެ. މި މުއްދަތުގެ ތެރޭގައި ނުކުރެވުނިއްޔާ އެ ދޮރު ބަންދުވީ އެވެ.
އިޓްލޮސްގެ ސްޓެޓިއުޓްގައި އިތުރަށް ބުނެފައިވާ ގޮތުން އަލަށް ހާމަވާ ހަގީގަތަކީ މައްސަލާގައި ހިމެނޭ ފަރާތްތަކުގެ އިހުމާލުން ނުހޯދި އޮތް ހަގީގަތަކަށް ވެގެން ނުވާނެ އެވެ. ވީމާ މިސާލަކަށް މި މައްސަލާގައި ދިވެހި ސަރުކާރުން އިހުމާލުވި ކަމަށް ބެލި ނަމަވެސް އެއީ އިޓްލޮސްއިން މައްސަލަ އަލުން ރިވިއު ކުރަން އޮތް ގާނޫނީ ހުއްޖަތެއް ނޫނެވެ.
އިޓްލޮސްގެ ނިންމުމަކަށް އެ ޓްރައިބިއުނަލުން އަލުން ނަޒަރު ހިންގޭނެ ދެވަނަ ގޮތަކީ އިޓްލޮސްގެ ނިންމުމެއް މާނަ ކުރުމުގައި ނުވަތަ ތަރުޖަމާ ކުރުމުގައި ހިލާފުތަކެއް އުޅޭނަމަ އެވެ. އިޓްލޮސްގެ ސްޓެޓިއުޓް ބުނާގޮތުން މިކަމަށް އެދެންޖެހޭނީ އެ މައްސަލައެއްގައި ހިމެނޭ ގައުމުތަކުންނެވެ. މޮރިޝަސް-ރާއްޖެ މައްސަލާގައި އެފަދަ ހާލަތެއް ނެތެވެ.
މޮރިޝަސް އާއި ރާއްޖެއިން މިހާތަނަށް އެފަދަ ކަމެއް ފާހަގައެއް ނުކުރެ އެވެ. ކިއެއްތަ, މި މައްސަލާގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވާ ފުންނާނު އުސް ވަކީލުން އެފަދަ މައްސަލައެއް މިހާތަނަށް ފާހަގަ ކުރައްވާފައެއް ނުވެ އެވެ.
ގެއްލުނު ކަނޑު އަނބުރާ ހޯދާނެ ކަމަށް ބުނެ ރިޔާސީ ވައުދުތައް ވަމުން ބަޔަކު ދިޔައެއް ކަމަކު ބައިނަލްއަގްވާމީ ގާނޫނުތަކާއި ކޯޓުތަކުގެ ނިންމުންތައް ބަދަލު ކުރުމަކީ ނާދިރު ގޮތެއްގައި ނޫނީ ނުކުރެވޭނެ ކަންކަމެވެ. އެއީ ކަނޑުގެ އިމުގެ މައްސަލާގެ މުޅި ހަގީގަތް ނޭނގި ރުޅިވެރިކަމުގައި ތިބި ބަޔަކު ހެއްވާލައި އިންތިހާބުގައި ތާއީދު ހޯދަން ދައްކާ ހުވަފެނެއް ކަމަށް ނޫނީ ބެލެވޭކަށް ނެތެވެ.