ރައީސް މުހައްމަދު ނަޝީދު ފެކްޝަނުން އެމްޑީޕީގެ މައި ހަރުގެ "ހިސޯރުކުރީ" އެތަނުގެ ތަޅު ހަލާކުކޮށްލައިގެން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ މައި ހަރުގެއަށް މިއަދު ހަވީރު ވަދެގަތީ ރައީސް ނަޝީދު އިސްވެ ހުންނަވައި، އުފައްދަން މަސައްކަތް ކުރާ "މޯލްޑިވްސް ޑިމޮކްރޭޓްސް"ގެ އިސް ބޭފުޅުންނެވެ. މީޑިއާއަށް ދައުވަތު ދީގެން އެތަން ހުޅުވީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސެން އަމްރުއެވެ. ހަރުގެއަށް ވަދެގަތުމަށްފަހު، އެތަނުގެ ބޭރުގައި ހަރުކޮށްފައި ހުރި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ޕޯސްޓަރެއް ވަޅިން ހަފާލައި، އެތަނުން ނަގާފައިވެއެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ހަރުގެއަކީ އެ ޕާޓީގެ ތަނެއް ކަމަށާއި އެތަން ބޭނުންކުރަމުން އަންނަނީ ގޭގެ ވެރިފަރާތާއެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކަމަށެވެ.

[caption id="attachment_52209" align="alignnone" width="1280"] އެމްޑީޕީ ހަރުގެ ބޭރުގައި ހުރި އެމްޑީޕީގެ ޕޯސްޓަރެއް ނައްޓާލަނީ: އެކަން ކުރެއްވީ މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު)-- ފޮޓޯ ހުސައިން ހަސަން | ހަތާވީސް[/caption]

ހަރުގެ ވެރިފަރާތާ އެކު، އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެ ކަމަށް އެއްބަސްވެވިފާ ކަމަށް އެމްޑީޕީން ބުންޏެވެ.

"ނަމަވެސް, އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ މި ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, މި ޕާޓީގެ މުދަލަށް ގެއްލުންދީފައިވެއެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

https://twitter.com/hathavees/status/1663165443987881984?s=20

އެމްޑީޕީން ބުނީ ހަރުގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވާނީ ވެރިފަރާތުގައި ޕާޓީން ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.

ނަޝީދުގެ ފެކްޝަނުން ކުރ އަމަލަކީ މުދަލަށް އަރައިގަތުން ކަމަށާއި އެއީ "ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް" ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ރޭވިގެން އިންތިޒާމުވެގެން ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ވަކާލާތުކުރާ އަދި ތަރުހީބު ދޭ ޕާޓީއެކެވެ. ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެހެން ޕާޓީއެއްގެ މުދަލަށް އަރައިގަނެ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއްކަމުގައި މި ޕާޓީއިން ދެކެމެވެ. އަދި މި ގާނޫނާ ހިލާފު, ނާތަހުޒީބު, ފިނޑި އަމަލުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ މި ޕާޓީގެ ފަރާތުން ހުށަހަޅާނެއެވެ،" އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.