ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ހަރުގެ ކުރިން ހުރި ތަން އަލަށް އުފައްދާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްގެ ހަރުގެއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ކޯޓުގައި މައްސަލަ އޮއްވާ ކަމަށާއި އެތަން އަތުލުމުގެ ވަގުތީ އަމުރަކަށް އެދޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ހަރުގެ އެއްގެ ގޮތުގައި ފާއިތުވި އަހަރުތަކުގައި ބޭނުން ކުރަމުން ދިޔައީ އާޓްފިޝަލް ބީޗު ކުރިމައްޗަށްވާ ގޮތަށް ހުންނަ ތަނެވެ. ނަމަވެސް އެތައް ހުސް ކުރުމަށް އެ ބިމުގެ ވެދި ފަރާތުން އެމްޑީޕީ އަށް އޮތީ އަންގައިފައެވެ. އަދި އެ މައްސަލަ އެމްޑީޕީގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

އެތަނަކޯ ޝަފިއްޔާ ޒުބައިރު ނަމަކަށް ކިޔާ މީހެއްގެ ތަނެކެވެ. އޭނާ ބުނީ އެތަން އޭނާ ކުއްޔަށް ދިނީ ވިޔަފާރިވެރިއަކަށް ކަމަށެވެ. އެ ވިޔަފާރިވެެރިޔާ އަށް އެތަން ކުއްޔަށް ދިނީ އޭނާ އަށް ވެސް އެތަން އެހެން ފަރާތަކަށް ކުއްޔަށް ދެވޭނެ ގޮތަކަށެވެ.

ޑިމޮކްރެޓްސް ޕާޓީން އެތަން ކުއްޔަށް ނެގީ އެ ވިޔަފާރިވެެރިޔާއާއެކު ހަދާފައިވާ ސަބް ލީސް އެގްރީމަންޓެއްގެ ދަށުންނެވެ.

އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) "ހަތާވީސް" އަށް މިއަދު ވިދާޅުވީ އެމްޑީޕީގެ ހަރުގެ ދީފައިވާ މުއްދަތު 2019ވަނަ އަހަރު ހަމަވެފައިވާ ކަމަށެވެ. އެގްރީމަންޓުގައި އޮތް މުއްދަތު ހަމަވި ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި އެ ހަރުގެ ބޭނުން ކުރަމުން އައީ ދެ ފަރާތުން އަނގަބަހުން އެއްބަސްވެވިގެން ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން ރިޔާސީ އިންތިހާބާއި ހަމައަށް ބައިތިއްބާ ދޭން. އެގޮތަށް އެއްބަސްވެގެން މިއައީ. އެހެންނަމަވެސް ކުއްލިއަކަށް އެތަން ހުސް ކުރުމަށް އެންގުމުން އެންގީ. އަޅުގަނޑުމެން ކޯޓަށް ވެސް ވާނީ މައްސަލަ ހުށަހަޅާފައި،" އިބްރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅީ އެތަން ހުސް ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދި ކަމަށެވެ. އެހެންނަމަވެސް އެ އަމުރު އިސްލާހު ކުރުމަށް އަމުރު ނެގީ ކަމަށާއި އެކަމަކު މިހާރު އެ އަމުރު އިސްލާހުކޮށް އަލުން ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.