ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ހަރުގެ ކުރިން ހުރި ތަން އަލަށް އުފައްދާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްގެ ހަރުގެއަކަށް ބަދަލުކޮށްފިއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އުޅެނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތެކެވެ. މީގެ ތެރޭގައި މަޖިލީހުގެ 12 މެންބަރަކު ވެސް ހިމެނެއެވެ.

އެމްޑީޕީގެ ހަރުގެ އެއްގެ ގޮތުގައި ފާއިތުވި އަހަރުތަކުގައި ބޭނުން ކުރަމުން ދިޔައީ އާޓްފިޝަލް ބީޗު ކުރިމައްޗަށްވާ ގޮތަށް ހުންނަ ތަނެވެ. ނަމަވެސް އެތައް ހުސް ކުރުމަށް އެ ބިމުގެ ވެދި ފަރާތުން އެމްޑީޕީ އަށް އޮތީ އަންގައިފައެވެ. އަދި އެ މައްސަލަ އެމްޑީޕީގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

އެތަނަކޯ ޝަފިއްޔާ ޒުބައިރު ނަމަކަށް ކިޔާ މީހެއްގެ ތަނެކެވެ. އޭނާ ބުނީ އެތަން އޭނާ ކުއްޔަށް ދިނީ ވިޔަފާރިވެރިއަކަށް ކަމަށެވެ. އެ ވިޔަފާރިވެެރިޔާ އަށް އެތަން ކުއްޔަށް ދިނީ އޭނާ އަށް ވެސް އެތަން އެހެން ފަރާތަކަށް ކުއްޔަށް ދެވޭނެ ގޮތަކަށެވެ.

ޑިމޮކްރެޓްސް ޕާޓީން އެތަން ކުއްޔަށް ނެގީ އެ ވިޔަފާރިވެެރިޔާއާއެކު ހަދާފައިވާ ސަބް ލީސް އެގްރީމަންޓެއްގެ ދަށުންނެވެ. ޝަފިއްޔާގެ ފަރާތުން ވަނީ ހަރުގެ ހުރިތަން ހުސް ކުރުމަށް މިމަހުގެ 15ވަނަ ދުވަހު ސިޓީއަކުން އަންގައިފައެވެ. އަދި އެ މުއްދަތަށް ތަން ހުސް ނުކޮށްފި ނަމަ އެތަނުގައި ހުރި ތަކެތި އަތުލާނެ ކަމަށްވެސް ސިޓީގައިވާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އެތަނުގައި ހުރި ތަކެއްޗަކީ މިހާރު އޭނާގެ ތަކެތި ކަމަށެވެ. އެތަނުގެ ކުއްޔަކީ މަހަކު 60،000 ރުފިޔާއެވެ. އަދި މިމަހަށް އެމްޑީޕީން އެތަނަށް ކުލި ދައްކާފައިވާ ކަމަށާއި ތަން ހުސްކުރަން ދިން މުއްދަތަށްފަހު ބާކީވާ ފައިސާ އެމްޑީޕީ އަށް ހަވާލު ކުރާނެ ކަމަށް ޝަފިއްޔާ ބުންޏެވެ. އޭނާ ބުނީ ބާކީވާ ފައިސާ ދޭނީ އެތަނުގެ ނުދައްކާ ހުރި ބިލުތަކަށް ފައިސާ ދެއްކުމަށްފަހު ކަމަށެވެ.