ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އާބަންކޯގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި އައިއޭސީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަހުމަދު އިގްބާލްއެވެ.
އައިއޭސީ އަކީ ދުނިޔޭގެ އެކި ހިސާބުތަކުއި ހަނގުރާމަވެރި ސަރަހައްދުތަކާއި، މީހުން ހާލުގައި ޖެހިފައިވާ އަދި އެހީތެރިކަން ބޭނުންވާ ސަރަހައްދުތައް ފާހަގަކޮށް އެ ފަރާތްތަކަށް ބޭނުންވާ ފަންޑު ހޯދައި އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމިއްޔާއެކެވެ.
އެގޮތުން ސީރިޔާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ފެނާއި، ގެދޮރު ބިނާކޮށްދިނުން އަދި އެ ނޫންވެސް ޒަރޫރީ ބޭނުންތަ ފުއްދުމަށް އައިއޭސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއެވެ.
އެ އެއްބަސްވުމުގެ ދަށުން އައިއޭސީގެ މައިގަނޑު ރޯލަކީ އެހީތެރިކަން ބޭނުންވާ ފަރާތްތައް އައިޑެންޓިފައިކޮށް އެތަންތަނަށް ބޭނުންވާ އެހީ އަރބަންކޯގެ ފަރާތުން ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.
އެގޮތުން ލޯކަލް ލީޑަރުންނާއި ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން މަސައްކަތްކޮށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަތައް ހޯދައި މި މަސައްކަތަށް ފެސިލިޓޭޓްކޮށްދޭނެއެވެ.
އެ އެމްއޯޔޫގެ ދަށުން އަރބަންކޯއިން ކުރާ މަސައްކަތްތަކުގެ ތެރެއިން، އައިއޭސީއިން އައިޑެންޓިފައިކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސައިޓްސްޕެސިފިކް ޕްލޭންތައް ފަރުމާކުރުމާއި، އެ ޕްލޭންތަކަކީ މުޖުތަމައުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށް ވާނެ ކަން ޔަގީންކުރުމަށް އަރބަންކޯގެ އެކްސްޕާޓީސް ޓީމުން މަސައްކަތްކުރާނެއެވެ.
އެގޮތުން ވިލެޖް ނުވަތަ ނެއިބަރހުޑްމާސްޓަރޕްލޭންގެ ކޮންސެޕްޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އަރބަންކޯގެ ދަށުންނެވެ. މީގެ އިތުރަށް އަރބަންކޯގެ ޓީމުން ސައިޓް އެސެސްމަންޓާއިފީސިބިލިޓީ ސްޓަޑީޒް އާއި އިންފްރާސްޓްރަކްޗާ ޕްލޭނިން އާއި އާކިޓެކްޗަރަލް ޑިޒައިން،ކޮންސްޓްރަކްޝަން މެނޭޖްމަންޓް އަދި ކޮލިޓީ ކޮންޓްރޯލް ފަދަ ކަންކަމުގައިއެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އައިއޭސީގެ އިސްނެގުމުގެ މަތިން ސޮއިކުރެވުނު މި އެމްއޯޔޫއަކީ އަރބަންކޯގެ ފަރާތުން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދީ އެންމެނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ސޮއިކުރެއްވުނު އެމްއޯޔޫއެއް ކަމަށް އާބަންކޯ އިން ބުންޏެވެ.