އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންނެލި ޖަގަހަ ސިޔާސަތަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ފާޑުވިދާޅުވެއްޖެއެވެ.
އަސްލަމް އެހެން ވިދާޅުވީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ، އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެނިފޯސްޓޯގައި އިތުރަށް ދިރާސާކޮށް ބަލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އަސްލަމް އަލިއަޅުއްވާލި ކަންތަކުގެ ތެރޭގައި އޮފް ޝޯރުގައި ކަންނެލި ޖަގަހަ ގާއިމްކުރުން ހިމެނެއެވެ.
އެކަމަށް އިޝާރާތްކުރައްވާ އަސްލަމް ވިދާޅުވީ އެއީ އިންތިހާއަށް ދަތި އަދި އުދަނގޫ ބޮޑު މަސައްކަތެއްގެ ކަމަށެވެ. މިއީ އިގްތިސާދީ ގޮތުން ފީޒިބަލް ކަމެއްތޯ ބަލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި މިފަދަ ކަމެއް ކުރެވިދާނެ ކަމާއި މެދު ޝައްކު އުފެދޭ ކަމަށް ވިދާޅުވިއެވެ.
"އިންޑިއާ ކަނޑަކީ ބިޔަ ރާޅުގެ ކަނޑެއް. ފުންމިނުގައި އެވަރޭޖް ކޮށް 12000 ފޫޓް 4000 އަކަމީޓަރު ފުންމިން. އައްޑޫ ކަނޑަށް ބަލާއިރު ނަގާ ބާނީތަކާއި އެ މާވަހިތަކުގެ ބައެއް ފަހަރު ރާޅުގެ އުސްމިން 30 މީޓަރަށް އަރައިގެން އެބަދޭ. މި ފަދަ ކަނޑުތަކުގައި އަޅުގަނޑުމެން ފްލޯޓީން ސިޓީއެއް ހަދާ އުސޫލުން ޕްލެޓް ފޯމެއް ގާއިމްކޮށްފައި މަސްވެރިން ދޯނި ކައިރިކޮށްފައި ބޭނުންވާ ހިދުމަތް ދީފައި ތެޔޮއަޅައިގެންދާން. މިއީވެސް ބޮޑުވެގެންދާ ހަރަދެއް،" އަސްލަމް ވިދާޅުވިއެވެ.
ބައެއް ގައުމުތަކުގައި އޮފް ޝޯރުގައި އޮއިލް ރިގްސްތަކެއް ގާއިމްކޮށްފައިވާއިރު އޭގެ ތެރޭގައި 201 ތަނެއް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އެކަމަކު އެއިން ކޮންމެ ތަނަކަށް 650 މިލިއަން ޑޮލަރު ހަރަދުވެފައިވާކަމަށް ވިދާޅުވެ ކަންނެލި ޖަގަހައިގެ ސިޔާސަތަށް ފާޑުވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ގޮތުގައި އެ ސިޔާސަތަކީ އެއްވެސް އިރެއްގައި އޭނާ ތާއިދުކުރި ސިޔާސަތެއް ނޫނެވެ.
އެމްޑީޕީގެ ސިޔާސާތުގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުން ކަމަށްވާއިރު މަސްވެރިކަން ކުރިއަރުވަން މި ސަރުކާރުން ގިނަ މަސައްކަތްތެކެއް ކުރަމުންދާކަން ކަމަށް ވިދާޅުވިއެވެ. މަސް ސްޓޯރު ކުރެވޭ އަދަދު އިތުރު ކުރުމާއި ފްރީޒިން ކެޕޭސިޓީ އިތުރުކުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.